ޚަބަރު

ޔާމީން މިނިވަންކުރުމަށް އިންޑިއާ ހިމެނޭހެން ބޭރުގެ އެހީއަށް އެދެފި


މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ބާރުއެޅުމަށް އަވައްޓެރި ތިން ޤައުމެއްގެ ވެރިންނަށް އިދިކޮޅު ގޮވާލައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ މިނިވަންކުރުމަށް އަވައްޓެރި އިންޑިއާ، ލަންކާ އަދި ޕާކިސްތާނުގެ ވެރިންނަށް ގޮވާލެއްވީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ މުހައްމަދު ޖަމީލް އަހްމަދުއެވެ. ރާއީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ ޖަމީލް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖްޕަކްސާގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ޓެގް ކުރައްވާ ކުރި ޓްވީޓްގައިވަނީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ޖުޑީޝަލް ސާރަވިސް ކޮމިޝަނުން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށްފައެވެ. އަދި ރައީސް ޔާމީން ޖަލަށްލާފައިވަނީ އެއްވެސް އަސާސެއްނެތް ހަދާފައިވާ ތުހުމަތުތަކެއްގެ މައްޗަށްކަމަށާއި އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ވަގުތުން ރައީސް ޔާމިން ދޫކޮށްލުމަށް ސަރުކާރަށް ބާރުއަޅާދިނުމަށް ޖަމީލް ވަނީ ގޮވާލައްވާފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

ކްރިމިނަލްކޯޓުން ކުރި މި ހުކުމް ހައިކޯޓުން ވަނީ ދަމަހައްޓާފައެވެ. ހައިކޯޓުގެ ނިންމުން ބަލައިނުގަންނަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ނިންމާފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިނާއި އާއި ރިޝްވަތު ޤަބޫލުކުރުމުގެ އިތުރު ދައުވާތަކެއް ޝަރީއަތްތައް ވަނީ ކޯޓުގައި ފަށާފައެވެ. މި މައްސަލަތަކުގައި ދައުވާކުރަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

ޔާމީންގެ އިތުރުން މިމައްސަލައިގައި މއ.ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. އަދި މި މައްސަލާގައި ދައުލަތުން ވަނީ ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށްވެސް އެދިފައެވެ.