ޚަބަރު

މަޖިލިސް ހުޅުވާ ޖަލްސާގައި ބައިވެވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު މަދުކުރައްވައިފި


ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ދަޢުވަތު އެރުވި ފަރާތްތަކުގެ ޢަދަދު މަދުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ މީހުންގެ ޢަދަދު މަދުކުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެޅި ފިޔަވަޅުތަކާއި އެއްގޮތަށް ޖަލްސާ ކުރިއަށް ގެންދިއުމަށްކަމަށެވެ. މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ޤައުމުގެ ޙަލަތު ބަޔާންކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަވާނެއެވެ.

މަޖިލީހުންގެ އިދާރާއިން ވިދާޅުވީ، އެޗްޕީއޭއިން އިއްޔެ އެޅި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ދައުވަތު އެރުވުނު ބޭފުޅުންގެ އަދަދު މަދުކުރަން ޖެހުމާއެކު، އެ ޖަލްސާއަށް މިހާރު ދައުވަތު އެރުވިފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރާއްޖޭގައި ތިއްބަވާ ބޭރު ދައުލަތްތަކުގެ ސަފީރުންނާއި ހައިކޮމިޝަނަރުންނަށް އެކަނިކަމަށެވެ. އެހެންކަމުން، އެބޭފުޅުން ފިޔަވައި އެހެން ބޭފުޅުންނަށް އެރުވިފައިވާ ދައުވަތު މިހާރު ކެންސަލްކޮށްފައިވާކަމަށްވެސް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ކޮންމެ އަހަރަކުވެސް މަޖިލީހުގެ މެމްބަރުންގެ އަނބިއަނބި ކަނބަލުންނާއި ފިރިކަލުންނަށް ދަޢުވަތު ދެއްވައެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.