ޚަބަރު

ތިން ހޮސްޕިޓަލެއްގައި ބެކަޕް ޖަނެރޭޓަރު ބަހައްޓަނީ


ތިން ރަށެއްގެ ހޮސްޕިޓަލުގައި ބެކަޕް ޖަނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން މިމަޝްރޫޢު ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މިމަޝްރޫޢުގެ ދަށުން ބެކަޕް ޖަނެރޭޓަރު ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގދ.ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައެވެ. ހެލްތު މިނިސްޓްރީން މިމަޝްރޫޢު ފެނަކައާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު އަޙްމަދު އާދިލްއެވެ. ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދެވެ. މި ރަސްމިއްޔާތުގައި ޙެލްތު މިނިސްޓަރވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހޮސްޕިޓަލްތަކަށް ކަރަންޓު މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ބެކަޕް ޖަނެރޭޓަރު ޤާއިމުކުރުމުގެ މައްސަކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. މީގެ އިތުރުންވެސް އަތޮޅުތަކުގެ ސިއްޙީ ނިޒާމު ތަރައްޤީކުރުމަށް ޢުމްރާނީގޮތުންވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ހޮސްޕިޓަލްތަކުގެ އާ ޢިމާރާތް އެޅުމާއި ވަޞީލަތް ހަމަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝިއަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.