ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބު ލިބެމުން އަންނަ މަންޒަރު ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްއިން ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް 55 ދަރަޖައިގެ ކުރިއެރުމެއް ލިބުމާ ގުޅިގެނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތްތައް ނިމިފައިނުވާކަމަށެވެ. ނަމަވެސް ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ ފޮނި ނަތީޖާ ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްއިން ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް 55 ދަރަޖައިގެ ކުރިއެރުމެއް ލިބިފައިވާއިރު މިއީ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި މިހާތަނަށް ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
2020 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް، ނުވަތަ ސީ.ޕީ.އައި ހެދުމުގައި ބަލާފައިވަނީ ދުނިޔޭގެ 183 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސަރވޭތަކަށާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރުކުރާ ދިރާސާތަކުގެ މައްޗަށެވެ.
ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން ކޮރަޕްޝަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައިވެސް މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތައް އޮޑިޓްކޮށް ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާ ތަންތަނާމެދު ކަމާ ބެހޭ މުވައްސަސާތަކުން ދަނީ ފިޔަވަޅުއަޅަމުންނެވެ.
While our work to root out corruption is nowhere near complete, it is nevertheless encouraging to see that our anti-corruption efforts have yielded good results. In this year’s @anticorruption Corruption Perception Index 2020 we scored 43 - climbing 14 points in rank. https://t.co/h0iAdjbf0D
— Ibrahim Mohamed Solih (@ibusolih) January 28, 2021
މީގެއިތުރުން ރައީސް ޞާލިޙް ވަނީ ދައުލަތުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ތަޙުޤީޤުކުރުމަށް "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި ކޮމިޝަނެއް އުފައްދަވާފައެވެ.
މި ކޮމިޝަނަކީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް ހިންގާފައިވާ ޚިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އުފެއްދެވި ކޮމިޝަނެކެވެ. މީގެއިތުރުންވެސް ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.