ފ. ނިލަންދުއަށް ދިޔަ އެންވަޔަރަމަންޓް މިނިސްޓްރީގެ މުވައްޒަފެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލް ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ބޭފުޅުން ނިލަންދުއަށް ގޮސްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުކަމަށެވެ. އެބޭފުޅުން ނިލަންދުއަށް ގޮސްފައިވަނީ ކުނި މެނޭޖްކުރާ ސެންޓަރާ ގުޅޭ ސަރވޭއެއް ކުރުމަށްކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަލީލް ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީގެ މުވައްޒަފު ޕޮޒިޓިވްވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެބޭފުޅާ މާލެ ދިޔަ ފަހުންކަމަށެވެ. އަދި އޭނާއާ ކޮންޓެކްޓް ވެފައިވާ ފަރާތްތައް ކަރަންޓީނުކޮށްފައިވާކަމަށް ޖަލީލް ވިދާޅުވިއެވެ. އެގޮތުން އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު ދެއްވި އިރުޝާދުގެ ދަށުން ނިލަންދޫގެ ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން ހިމެނޭގޮތަށް 30 މީހަކު ވަނީ ކަރަންޓީނުކޮށްފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ބޭފުޅުން ރަށުގައި ހަރަކާތްތެރިވެފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ އުޞޫލުތަކާއި އެއްގޮތަށްކަމަށް ނިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލް ވިދާޅުވިއެވެ.