ޚަބަރު

އައު ފައިސާގެ ނޫޓްތަކެއް ގެއްލިފައެއް ނުވޭ - އެމް.އެމް.އޭ


ނޮވެމްބަރު އެކެއް ގައި ތަޢާރަފުކޮށް،
ޑިސެމްބަރު މަހު ބޭނުންކުރަން ފަށާ، ދިވެހި ރުފިޔާގެ އައު ނޫޓު ސީރީޒް، 'ރަން
ދިހަފަހެއް' ގެ ނޫޓުތަކެއް ވީނުވީ އެއް ނޭނގި ގެއްލިފައިވާ ކަމަށް ދެކެވެމުންދާ
ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން
ބުނެފިއެވެ.  



އެމްއެމްއޭ އިން މިއަދު ނެރުނު ނޫސް
ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރުފިޔާގެ ނޫޓުތައް ޗާޕޮކޮށްގެން ރާއްޖެ ގެނެސް
ދައުލަތުގެ ޚަޒާނާގައި ރައްކާކުރުމާއި އެއަށް ފަހު އެ ނޫޓުތަކަށް ސެކިއުރިޓީ
ކަށަވަރު ކުރުމަކީ ވަރަށް ހަރުދަނާ އުސޫލެއްގެ ދަށުން ޤާއިމުވެފައި އޮންނަ
ނިޒާމެއް ކަމުގައެވެ.



މިގޮތުން، ނޫޓުތައް ރާއްޖެ ގެނެސް، ދައުލަތުގެ
ޚަޒާނާގައި ރައްކާކުރާ މަރުހަލާ އަކީ އެމްއެމްއޭގެ ސެކިއުރިޓީގެ އިތުރުން،
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ފުރިހަމަ ހިމާޔަތުގެ
ދަށުން ކުރިޔަށް ގެންދާ މަރުހަލާއެއް ކަމުގައި އެބަޔާނުގައި ހާމަކޮށްފައިވެއެވެ. އަދި
އެމްއެމްއޭ ގައި ހުންނަ ދައުލަތުގެ ޚަޒާނާ އަކީ 24 ގަޑިއިރު ސެކިއުރިޓީ
ބަލަހައްޓަމުންދާ، ވަރަށް ހަރުދަނާ ނިޒާމުތަކެއްގެ ދަށުން ރައްކާތެރި ކޮށްފައި ހުންނަ
ތަނެއް ކަމަށާއި ދައުލަތުގެ ޚަޒާނާއަށް ފައިސާ ވައްދާ، ނެރުމަކީ އެމްއެމްއޭ އާއި
ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް
ފިނޭންސް އެންޑް ޓްރެޜަރީގެ ބެލުމުގެ ދަށުން ހިންގާ މަސައްކަތެއް ކަމުގައި އެމްއެމްއޭގެ ބަޔާނުގައި
ބުނެފައިވެއެވެ.



އެމްއެމްއޭގެ ބެލުމުގެ ދަށުގައިވާ ދިވެހި ރުފިޔާގެ
އެއްވެސް ޝިޕްމަންޓަކަށް ނުވަތަ ސްޓޮކަކަށް އެފަދަ ކަމެއް މެދުވެރި ނުވާނޭ ކަމުގެ
ޔަޤީންކަން  މިފުރުޞަތުގައި ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެ
ބަޔާނުގައި ކަށަވަރު ކޮށްދީފައިވެއެވެ.