ޚަބަރު

މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމާއެކު ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 55 ދަރަޖަ ކުރިއަށް


ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް ކޮންމެ އަހަރަކު އާއްމު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ 55 ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ 55 ދަރަޖަ ކުރިއަށްޖެހިލިއިރު، މިއީ މިއިންޑެކްސްގައި މިހާތަނަށް ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމީޔާބީއެވެ.

2020 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް، ނުވަތަ ސީ.ޕީ.އައި ހެދުމުގައި ބަލާފައިވަނީ ދުނިޔޭގެ 183 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސަރވޭތަކަށާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރުކުރާ ދިރާސާތަކުގެ މައްޗަށެވެ.

މި އިންޑެކްސް ގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކަ އާއި ދެމެދުގެ މިންގަނޑެކެވެ. އެގޮތުން ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒުކޮށްދޭ އިރު، ސަތޭކައިން ރަމްޒުކޮށްދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ. ސީ.ޕީ.އައިގައި ގައުމުތަކަށް ލިބޭ ޕޮއިންޓް ކަނޑައަޅަނީ މަދުވެގެން ތިން މަސްދަރެއް މެދުވެރިކޮށް ހޯދާ މައުލޫމާތު އެއްކޮށްގެން ނެރެވޭ ނަތީޖާއެއް ބޭނުންކޮށްގެންނެވެ.

2020 ވަނަ އަހަރުގެ ސީ.ޕީ.އައިއިން ދައްކާގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 75 ވަނައިގައެވެ. 2019 ވަނަ އަހަރުގެސީ.ޕީ.އައި އާއި އަޅާ ބަލާއިރު ރާއްޖެ މިވަނީ 14 ޕޮއިންޓް ކުރި ހޯދައި، ގައުމުތަކުގެ ތަރުތީބު ކުރުމަށް ބަލާއިރު 55 ދަރަޖަ ކުރި ހޯދައިފައެވެ. އަދި ރާއްޖެއަކީ މިލިސްޓުގައި ހިމެނޭ ޤައުމުތަކުން އެންމެ ބޮޑު ކުރިއެރުމެއްވެސް ހޯދި ޤައުމުކަން ފާހަގަކޮށްލެވެއެވެ.

ކޮރަޕްޝަން އިންޑެކްސްގައި މިދިޔަ އަހަރަށްވުރެ 55 ދަރަޖަ ކުރިއަށް ރާއްޖެ ޖެހިލާފައިވާއިރު، މިއީ އިންޑެކްސްގައި ރާއްޖެ ހިމަނަން ފެށިފަހުން ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.

2020 - 75 ވަނަ / 43 ޕޮއިންޓް
2019 - 130 ވަނަ / 29 ޕޮއިންޓް
2018 - 124 ވަނަ / 31 ޕޮއިންޓް
2017 - 112 ވަނަ / 33 ޕޮއިންޓް
2016 - 95 ވަނަ / 36 ޕޮއިންޓް

2020 ވަނަ އަހަރު ރާއްޖޭގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތް ކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށެވެ. އެއީ، ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްޓް ރޭޓިންގސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވަރލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް، ސީ.ޕީ.އައި.އޭއެވެ. މިމަސްދަރުތަކުން މައުލޫމާތު ހޯދާފައި ވަނީ ޖަނަވަރީ 2018 އިން ޖަނަވަރީ 2020 އަށެވެ.

ކޮރަޕްޝަންގެ އަމަލުތައް މަދުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންދާއިރު، ސަރުކާރުން ދަނީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކާއެކު، މުޢައްސަސާތައް ދެފުށް ފެންނަ ގޮތަކަށް ހިންގެވުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.