ޚަބަރު

ފަލަސްތީނުގެ މުސްލިމުންސަލާމަތްކުރުމަށް ރާއްޖެއިން އދ.ށް ގޮވާލުން


ފަލަސްތީނުގެ މުސްލިމުން އިސްރާއީލުގެ އަޅުވެތިކަމުން ސަލާމަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން އ.ދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފިއެވެ. ފޮރިން ސެކްރެޓަރީ ޢަލީ ނަޞީރު މުޙައްމަދު މިކަމަށް ގޮވާލައްވާ ވާހަކަފުޅު ދައްކަވާފައިވަނީ، މެދުއިރުމައްޗާއި ފަލަސްތީނުގެ މައްސަލައާއިމެދު މަޝްވަރާކުރުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ޚާއްޞަ ބަހުޘެއްގައެވެ.މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ނަޞީރު ވިދާޅުވީ، އ.ދ.ގެ ސަލާމަތީ މަޖިލީހަކީ ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކުގައި ޞުލްހަ ޤާއިމްކުރުމަށް ހަރުދަނާ މަސައްކަތްތަކެއްކޮށްފައިވާ، އަދި ކުރަމުން އަންނަ މުހިއްމު ޖަމްއިއްޔާއެއްކަމަށެވެ. އަދި އ.ދ.ގެ މަސައްކަތުން އެތައް މިލިޔަން ބަޔަކު، އަޅުވެތިކަނުން ސަލާމަތްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް، އެ މީހުންގެ މައްޗަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުން ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހުއްޓުވުމުގައި އ.ދ. އޮތީ ނުކުޅިފައިކަން އޭނާ ހިތާމައާއިއެކު ފާހަގަކުރެއްވިއެވެ. އަދި، މިއީ މިހާރުން މިހާރަށް ޙައްލުކުރަން ޖެހިފައިވާ ބައިނަލްއަޤްވާމީ ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާވަނީ ސިފަކުރައްވާފައެވެ. އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ދެ ދަޢުލަތް ޤާއިމްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ޤަރުނުތަކެއް ވަންދެން ކުރަމުން ގޮސްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން، ޢަލީ ނަޞީރު ވިދާޅުވީ، ފަލަސްތީނު އަޅުވެތިކަމުގެ ދަށަށް ވެއްޓުނު ފަހުން އެތައް ޤަރުނެއް ވެފައިވާއިރު، މިކަމަށް އެއްވެސް މިންވަރެއްގެ ޙައްލެއް އަދި ހޯދިފައި ނުވާކަމަށެވެ.އަދި އިސްރާއީލުގެ އަޅުވެތިކަމުގެ ސަބަބުން ފަލަސްތީނުގެ ޅަ ކުދިންނާއި، ޒުވާނުންގެ ޖީލުތައް ހެދިބޮޑުވަމުން އަންނަނީ ބިރާއި، ނަފްރަތާއި، ހަމަނުޖެހުމުގެ މާޙައުލެއްގައިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އިސްރާއީލުގެ އިސްތިއުމާރީ ބާރުން ފަލަސްތީނުގައި މިހާރު ހިންގަމުންގެންދާ ލޭ އޮހޮރުވުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން، ޢަލީ ނަޞީރުވަނީ، މަސްޖިދުލް އަޤްޞާގެ ހުރުމަތްތެރިކަން ދެމެހެއްޓުމަށް ގޮވާލައްވާފައެވެ.އަދި، ފަލަސްތީނުގެ ވަކި އުމުރުތަކެއްގެ މީހުންނަށް މިސްކިތަށް ވަނުން މަނާކޮށްފައި އޮތް އޮތުމަށް ވަގުތުން ވަގުތަށް ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ. މިއީ، ފަލަސްތީނާއި އިސްރާއީލާއި ދެމެދު ޞުލްހަ ޤާއިމްކުރުމަށް އޮތް އެންމެ ފުރަތަމަ ފިޔަވަޅުކަމަށް ޢަލީ ނަޞީރު ސިފަކުރެއްވިއެވެ.މީގެ އިތުރުން، އިސްރާއީލުން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ޤަވާއިދާއި ޚިލާފަށް ޔަހޫދީން ވަޒަންވެރިވުން ނިމުމަކަށް ގެނައުމަށްވެސް އޭނާ ގޮވާލެއްވިއެވެ. އޭނާގެ ތަޤުރީރު ނިންމަވާލައްވަމުން ޢަލީ ނަޞީރުވަނީ، އިސްރާއީލުގެ އަޅުވެތިކަމުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި، ފަލަސްތީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާޢީދުކުރާކަމަށާއި، ރާއްޖެއިން މިކަމަށް އެއްބާރުލުން ދެމުން ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.އިސްރާއީލުގެ އަޅުވެތިކަން ހުއްޓުވުމަށް ހަރުކަށި ފިޔަޅުތަކެއް އެޅުމަށް ފޮރިން ސެކްރެޓަރީ ވަނީ އ.ދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލައްވާފައެވެ.