ކުޅިވަރު

ލޭކަރސްއާ ވާދަކޮށް ސިިކްސަރސް މެޗު ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި ފިލަޑެލްފިއާ ސެވެންޓީ ސިކްސަރސް ބައްދަލުކުރިމެޗް އެންމެ ޕޮއިންޓެއްގެ ތަފާތުން ސިސްސަރސް ކާމިޔާބުކޮށްފިއެވެ. ސިކްސަރސްގެ ކޯޓުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 107 ޕޮއިންޓް 106 ޕޮއިންޓުންނެވެ.

މިއީ މިފަހަރުގެ ސީޒަންގައި ރަށުން ބޭރުގައި ކުޅޭ މެޗް ތަކުން ބަލިނުވުމުގެ ރިކޯޑް ދަމަހައްޓަމުން އައި ލޭކަރސް ރަށުން ބޭރުގައި ބަލިވި ފުރަތަމަ މެޗެވެ. މިހާތަނަށް އެޓީމް ވަނީ ރަށުން ބޭރުގައި ކުޅުނު 10 މެޗް ވެސް ކާމިޔާބުކޮށްފައެވެ. ރޭގެ މެޗްގައި ސިކްސަރސްއަށް އެންމެ ރަގަޅު ކުޅުމެއް ދައްކަދިނީ 28 ޕޮއިންޓް އެޓީމަށް ހޯދާދިން ޖޮއެލް އެމްބިޑްއެވެ. އަދި ޓޮބިއަސް ހެރިސް ވަނީ އެޓީމަށް 24 ޕޮއިންޓް ހޯދާދީފައެވެ. މިމެޗްގައި ލޭކަރސްއަށް އެންމެ ރަގަޅު ކުޅުމެއް ދައްކަދިނީ 34 ޕޮއިންޓް ހޯދާދިން ލެބްރޮން ޖޭމްސްއެވެ. މީގެއިތުރުން އެންތަނީ ޑެވިސްވަނީ އެޓީމަށް 23 ޕޮއިންޓް ހޯދާދީފައެވެ.
މިމުބާރާތުގައި މިލްވައުކީ ބަކްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 115 ޕޮއިންްޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުންޕޯވަނީ އެޓީމަށް 24 ޕޮއިންޓް ހޯދާދީ 18 ރީބައުންޑް ނަގާ 9 އެސިސްޓް ކޮށްފައެވެ. އަދި ރެޕްޓަރސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދިނީ 26 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދިން ނޯމަން ޕަވެލްއެވެ.
މީގެއިތުރުން މި މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި އެޓަލާންޓާ ހޯކްސް ބައްދަލުކުރިމެޗް 132 ޕޮއިންޓް 128 ޕޮއިންޓުން ނެޓްސް ކާމިޔާބުކުރިއިރު ޑެންވަރ ނަގެޓްސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 109 ޕޮއިންޓް 82 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ.