ކުޅިވަރު

ޓުކެލްގެ ކޯޗުކަމުގެ ދަށުން ޗެލްސީ ކުޅުނު ފުރަތަމަ މެޗް އެއްވަރު


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ވުލްވަރހެމްޓަން ވޮންޑަރަރސް ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މިމެޗް އެއްވަރު ވީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ސުމެއް ސުމަކުންނެވެ. މިއީ ޗެލްސީގެ ކޯޗު ކަމާ އަލަށް ހަވާލުވި ޖަރުމަނުވުލާތުގެ ތޯމަސް ޓުކެލްގެ ބެލުމުގެ ދަށުން އެޓީމް ކުޅުނު ފުރަތަމަ މެޗެވެ.

މިމެޗްގައި ޗެލްސީއިން ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި ޗެލްސީގެ އެންޓޯނިއޯ ރުޑިގަރ އާދި ކެލުމް ހަޑްސަން އޮޑޯއި ފޮނުވާލި ދެ ހަމަލާއެއް ވުލްވްސްގެ ކީޕަރ ރުއި ޕެޓްރީޝިއޯ ދިފާއު ކުރި އިރު ބެން ޗިލްވެލްއަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ހަމަލާ ދިޔައީ ދަނޑިމަތިން ބޭރަށެވެ. ފްރޭންކް ލެމްޕާޑްގެ ކޯޗުކަމުގެ ދަށުން ޗެލްސީ ކުޅުނު 57 ލީގު މެޗްގައި 77 ގޯލް ބައިކޮޅަށް ވަދެފައިވުމުން ފުރަތަމަ މެޗްގައި ބައިކޮޅަށް ގޯލެއް ނުވަދެ ނިންމަލެވުން މިއީ ގޯސް ފެށުމެއް ނޫން ކަމުގައި ގިނަ ފަރަތްތަކުން ދެކެއެވެ.

މިމެޗް އެއްވަރުވުން މިއީ ވުލްވްސްއަށް ގޯސް ނަތިޖާއަކަށް ނުވާނެއެވެ. އެއީ ފަހަކަށް އައިސް މާރަގަޅު ކުޅުމެއް އެޓީމަށްވެސް ދެއްކެމުން ނުދިއުމެވެ. މިގޮތުން އެންމެ ފަހުން ކުޅުނު 5 މެޗުން އެޓީމަށް ކާމިޔާބު ކުރެވިފައިވަނީ 2 ޕޮއިންޓެވެ. އަދި މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ގެ ފަހުން ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ނިންމާލެވުނު ފުރަތަމަ މެޗެވެ. ވުލްވްސްގެ އިތުބާރު ފޯވަޑް ރައުލް ހިމެނޭޒްއަށް އަނިޔާ ވުމަށްފަހު އެޓީމަށް މާ ރަގަޅު ނަތީޖާތަކެއް ހޯދެމުންނެއް ނުދެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ޓުކެލް ބުނީ އޭނާގެ ޓީމުން ކަންބޮޑުވާންޖެހޭ މާގިނަ ކަންތައްތަކެއް ނުފެންނަ ކަމަށެވެ. އަދި މިޓީމްގައި ތަޖްރިބާކާރު ކުޅުންތެރިންނާއި ނަން މަޝްހޫރު ކުޅުންތެރިންގެ އިތުރުން ފުރުސަތަކަށް ކެތް މަދުވެފައިތިބި ޒުވާން ހުނަރުވެރިން އެބަތިބި ކަމަށާއި މިހާރުން ފެށިގެން ދެން އޭނާ މަސައްކަތް ކުރާނީ މިހުރިހާ އެންމެން އެކުލަވާލާ ޓީމް ރޫހު ވަރުގަދަކޮށް ކުޅުން ރަގަޅު ކުރުމަށެވެ. އަދި އޭނާއަކީ މިކަމުގެ މާހިރެއް ކަމަށާއި އަދި އިދިކޮޅު ޓީމްތަކުން ކުޅެން އެންމެ ޖެހިލުންވާ ޓީމަކަށް ޗެލްސީ ހެދޭތޯ މަސައްކަތް ކުރާނެކަމަށްވެސް ޓުކެލް ހާމަކުރިއެވެ.

ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ ހާމަކުރިގޮތުގައި އޭނާގެ ޓީމް މިމެޗަށް ނުކުތީ ގޭމް ޕްލޭނަކާއި އެކު ކަމަށާއި އޭނާގެ ކުޅުންތެރިން އެޕްލޭނަށް މަސައްކަތް ކުރި ކަމަށާއި މިމެޗުން މިލިބުނީ މުހިންމު ޕޮއިންޓެއް ކަމަށެވެ.