ވިޔަފާރި

ކަނޑުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ


ރާއްޖޭގައި ކަނޑުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް މިނިސްޓްރީ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ނިންމަވައިފިއެވެ.

މަސްވެރިންގެ ދަފްތަރެއް އެކުލަވާލަން ނިންމަވާފައިވާކަން ހާމަކޮށްފައިވަނީ މިނިސްޓްރީން ގެޒެޓްކޮށްފައިވާ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައެވެ.

މިނިސްޓްރީ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މަސްވެރިކަމުގެ އެކިއެކި މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލަމުން ދަނީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުންނެވެ. ފިޝަރީސް މިނިސްޓްރީއިން ވިދާޅުވީ ކަނޑުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ދަފްތަރުގައި މަސްވެރިކަންކުރާ އުޅަނދުފަހަރާއި އުޅަނދުފަހަރުގެ ކޮޔޮޅުންނާއި ފަޅުވެރިންގެ މަޢުލޫމާތު ހިމެނޭނެކަމަށެވެ. މި ދަފްތަރުގައި ހިމެނޭނީ މަސްވެރިކަންކުރާ ފަރާތްތައް ލައިސަންސްކުރުމުގެ ނިޒާމުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތައްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކަނޑުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ދަފްތަރުން އެއްކުރެވޭ މަޢުލޫމާތު، ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގުމުގައި ބޭނުންކުރެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ މަސްވެރިކަމަކަށްވުމަށްވެސް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންއާއެކު މަސްވެރިކަމަށް ބޭނުންވާ އެން ހިފުމަށް ވައި ފުޅިއަޅައިގެން ފީނުމުގައި ދިމާވާ ހިރާސްތައް މަދުކުރުމަށްޓަކައި ކަމާގުޅޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީއިން ވިދާޅުވެއެވެ.

ފިޝަރީސް މިނިސްޓްރީން މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ހާމަވާގޮތުގައި ގާތްގަނޑަކަށް 17000 މަސްވެރިން ދަނީ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތެރިވަމުންނެވެ. އަދި މިވަގުތު 621 އުޅަނދު ކަނޑުމަހުގެ މަސްވެރިކަން ކުރުމުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.