ވިޔަފާރި

ޔޫއޭއީގެ ރައްޔިތުންގެ މެދުގައި ދިވެހިރާއްޖެ އެހާ މަޤްބޫލީ ކީއްވެ؟


މިދިޔަ އަހަރު ޔޫއޭއީގެ ފަތުރުވެރިން ޗުއްޓީއަށް ޒިޔާރަތްކުރި މަންޒިލުތަކުގެ އެންމެ ކުރީގައި އުޅެނީ ދިވެހިރާއްޖެއެވެ. ޔޫއޭއީގެ ޓްރެވަލް ސްޕެޝަލިސްޓުން ބުނާގޮތުން ދަތުރުކުރުމަށް އޮތް ލުއިފަސޭޙަތަކާއެކު، ޔޫއޭއީގެ ރައްޔިތުންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ވަނީ މިދިޔަ އަހަރު އިތުރުވެފައެވެ.

ޓްރެވަލް ސްޕެޝަލިސްޓުން ބުނާގޮތުން ޔޫއޭއީގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ދިގު ދަތުރެއް ކުރަން ނުޖެހުމާއި، އެނބުރި ޤައުމަށްދާއިރު ޕީސީއާރު ޓެސްޓެއް ބޭނުންނުވުންވެސް ހިމެނެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައިމަހުގެ ހުޅުވާލިފަހުން ޑިސެމްބަރުމަހުގެ ނިޔަލަށް ޔޫއޭއީން ވަނީ 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ޔޫއޭއީ ފަތުރުވެރިންގެ އެންމެ މަޤްބޫލު މަންޒިލްތަކަށް ބަލާއިރު، ޕްރައިވެސީ ބޮޑު ރިސޯޓްތަކަށް އެމީހުންގެ ޝައުޤުވެރިކަން ބޮޑެވެ. އެގޮތުން ލަކްސް ރިސޯޓްސް އެންޑް ހޮޓެލް، ސަން ސިޔާމް ރިސޯޓްސް، އަންނަތާރާ ކިހަވަށް މޯލްޑިވްސް އަދި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށްޓަކީ ޔޫއޭއީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ރިސޯޓްތަކެވެ.

ޤުދުރަތީގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ރާއްޖެ އޮންނަ އޮތުމަކީވެސް، ގައިންގަޔަށް އަރާ ބައްޔެއް ދުނިޔޭގައި ފެތުރޭއިރުވެސް ފަތުރުވެރިންގެ ޝައުޤުވެރިކަން ރާއްޖެއާ ދިމާލަށް އަންނަ ސަބަބެކެވެ. އެގޮތުން ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން، ރިސޯޓްތަކަކީ އާއްމު އާބާދީއާ ވަކިން އޮންނަ ރަށްތަކަކަށްވުމުން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ޔަޤީންކުރެވެއެވެ.

ޔޫއޭއީގެ ފަތުރުވެރިންގެ މެދުގައި ހެދި ދިރާސާއެއްގެ ފަންސާސް އިންސައްތަ މީހުން ބުނި ގޮތުގައި ގޮނޑުދޮށް އޮންނަ ތަނެއްގައި ޗުއްޓީ ހޭދަކޮށްލާނަމަ އެންމެ ދާން ބޭނުންވަނީ ރާއްޖެއަށެވެ. އެހެންކަމުން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޔޫއޭއީ އަދި މެދުއިރުމަތީގެ މުއްސަނދި ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އެގޮތުގައި ދެމި އޮންނާނެކަމަށް ޔޫއޭއީގެ ޓްރެވަލް ސްޕެޝަލިސްޓުން ބުނެއެވެ.