ޚަބަރު

ގައިޑްލައިން އޮތްގޮތުން ހުރިހާ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަންޖެހޭ: ޝަރީފް


މިހާރު އެޗްޕީއޭގެ ގައިޑްލައިން އޮތްގޮތުން ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަންޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަޙްމަދު ޝަރީފް މިހެން ވިދާޅުވީ އިންތިޙާބާބެހޭ އެޑްވައިޒަރީ ކޮމިޓީގެ 18 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެޗްޕީއޭގެ ގައިޑްލައިންގައިވާގޮތުން އެއްވެސް ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކަށް އެހެންތަނެއްގައި ރަޖިސްޓްރީވެގެން ވޯޓުލާން ދިއުމުގެ ފުރުސަތު ނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިން ބާއްވާ އިންތިހާބުތަކުގައި ވަކި އަދަދަކަށްވުރެ ރަޖިސްޓްރީވެފައިވާ މީހުން މަދުނަމަ ރިސޯޓް މުވައްޒަފުން ވޯޓުލާން ދާންޖެހެނީ ކައިރީގައިވާ ކޮންމެވެސް ރަށަކަށް ނުވަތަ އަމިއްލަ އަށް ރަޖިސްޓްރީވެފައިވާ ރަށަށެވެ. އެހެންނަމަވެސް މިވަގުތު އެޗްޕީއޭގެ ގައިޑްލައިން އޮތްގޮތުން ރިސޯޓް މުވައްޒަފުންނަށް އެހެން ތަނަކަށް ވޯޓު ލާން ދިއުމުގެ ފުރުސަތު ނެތުމުން ކުރިން ކަނޑައަޅާ ގޮތަށް ރަޖިސްޓްރީވާން އަދަދެއް ކަނޑައެޅެން ނެތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ގައިޑްލައިން އޮތްގޮތުން ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ ރިސޯޓެއްގައި ވޯޓް ފޮށި ބަހައްޓަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެންމެ ދިވެހި ރައްޔިތަކު ހުއްޓަސް އުސޫލެއްގެ ގޮތުން އަޅުގަނޑުމެންނަށް ޖެހޭނެތާ މަގުފަހިކޮށްދޭން އޭނައަށް ވޯޓު ލުމުގެ ހައްޤު. އެއީ ޤާނޫނު. އެހެންވީމަ ރިސޯޓްތަކުގައި މީގަ އޮތްގޮތުން އަޅުގަނޑުމެންނަށް ބޭސްލައިނެއް ކަނޑައަޅައިގެން މިއަށްވުރެ ގިނައިން ރަޖިސްޓްރީ ނުވާ ނަމަ ވޯޓު ފޮއްޓެއް ނުބެހެއްޓޭނޭ ނުބުނެވޭނެ އެހެންވީމާ އެއީވެސް އަޅުގަނޑުމެންނަށް އޮތް އަނެއް ގޮންޖެހުން އެއީ. އެއީވެސް އަޅުގަނޑުމެންނަށް ގައިޑްލައިނާއި އެއްގޮތައް އަމަލުކުރާކަމަށް ވަންޏާމުން އުނދަގޫވެދާނެ ކަންތައްތަކެއް"

އެޗްޕީއޭގެ ގައިޑްލައިންގައިވާގޮތުން ރިސޯޓް މުވައްޒަފުންނަށް އެހެންތަނެއްގައި ރަޖިސްޓްރީވެގެން ވޯޓު ލާން ދިއުމުގެ ފުރުސަތު ނުދެނީ ރިސޯޓްތަކުން އެހެން ރަށްރަށަށް ބަލި ފެތުރުމުގެ ބިރު އޮތުމުންކަމަށެވެ.

"އެބޭފުޅުން ވިދާޅުވަނީ ރިސޯޓްތައް މިހާރު އެއީ ރިސްކް ލެވެލްގެ ވަކި ހިސާބަކަށް ގޮސްސަ އޮތް ބައެއް ވީމާ، ކޮމިއުނިޓީ ސްޕްރެޑް ނެތް ނުވަތަ އެއްވެސް ކަމެއް ނެތް ރަށަކަށް އެމީހުން ވޯޓުލާން ގޮއްސަ އެމީހުން މުޖްތަމައު ތެރޭގައި ސޯޝަލް އިންޓަރެކްޝަންތަކެއް ހަދައިފި ކަމުގަ ވަންޏާ ބިރުބޮޑޭ އެތަނުގެ ތެރެއަށް ބަލި ފެތުރިގެން ދިއުން. އެއީ ފުރުސަތު އޮތް ކަމެކޭ." އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

އިންތިޙާބާއި ބެހޭ އެޑްވައިޒަރީ ކޮމިޓީގެ 18 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ ނަން އަނބުރާ ނެގުމުގެ އެންމެ ފަހުގެ ތާރީޙް މިމަހުގެ 29 ވަނަ ދުވަހު އިއުލާން ކުރައްވާނެކަމަށެވެ. އަދި މިހާރު ގައިޑްލައިން އޮތްގޮތުން ދެން އަލުން ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވެން ނެތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައި އޮތީ، ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށެވެ. އަދި އިންތިޙާބުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފަށާނެކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.