ވިޔަފާރި

މިކުއާޓަރުގައި ގިނަ ސިނާއަތްތަކެއްގެ ވިޔަފާރި ރަނގަޅުވާނެ: އެމްއެމްއޭ


މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ގިނަ ސިނާއަތްތަކެއްގައި ހިމެނޭ ވިޔަފާރިތައް ކުރިއަރާނެކަމަށް އެމްއެމްއޭއިން ލަފާކޮށްފިއެވެ.

އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ، ކޮންމެ ހަތަރުމަހަކުން ނެރޭ ކުއާޓްލީ ބިޒްނަސް ސާވޭ ރިޕޯޓުގައެވެ.

އެމްއެމްއޭގެ ކުއާޓްލީ ބިޒްނަސް ސާވޭ ރިޕޯޓަކީ ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން، އިގްތިސާދުގައި ހިމެނޭ މުހއްމު ހަތަރު ދާއިރާކަމުގައިވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ދެކޭގޮތް، ދެނެގަތުމުގެ ގޮތުން ހިންގާ ސާވޭއެކެވެ. އެމްއެމްއޭގެ ސާވޭ ދައްކާގޮތުން ސާވޭގައި ހިމެނޭ ހުރިހާ ސިނާއަތްތައްވެސް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވަނީ ކުރިއަރާފައެވެ.

2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އޮންނަ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެގެންދާ "ޕީކް ސީޒަން"ގެ ދުވަސްވަރު ކަމަށްވުމާއިއެކު، 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، އިމާރާތްކުރުމުގެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތައް ފިޔަވާ ސާވޭގައި ބައިވެރިވި އެހެން ހުރިހާ ސިނާއަތްތަކުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައި ވަނީ އެ ސިނާއަތްތައް އިތުރަށް ކުރިއަރާނެ ކަމަށެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު، ވިޔަފާރިތައް ކުރިއަރާ ދުވެލި މަޑުޖެހިގެންދާނެކަމަށް މި ސާވޭގައި ލަފާކޮށްފައިވެއެވެ.

ބިޒްނަސް ސާވޭގެ ނަތީޖާއަށް ބަލާއިރު، އިމާރާތްކުރުމުގެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތައް ފިޔަވާ ސާވޭގައި ބައިވެރިވި އެހެން ހުރިހާ ސިނާއަތްތަކުގެ ވިޔަފާރިތަކުގެ މާލީ ހާލަތާއި ވިޔަފާރީގެ ހާލަތު ވަނީ ރަނގަޅުވެފައެވެ. މިގޮތުން، މާލީ ހާލަތާއި ވިޔަފާރީގެ ހާލަތަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށެވެ. ކުރިމަގަށް ބަލާއިރު، އިމާރާތްކުރުމުގެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތައް ފިޔަވާ އެހެން ހުރިހާ ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިޔަފާރިތަކުގެ މާލީ ހާލަތު ކުރިއަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރު އެމްއެމްއޭއިން އާއްމުކުރާ ބިޒްނަސް ސާވޭ އަކީ، ކުރުމުއްދަތުގެ ތެރޭގައި ވިޔަފާރިތަކުގެ މުހިންމު މިންތަކަށް އައިސްފައިވާ ބަދަލުތަކާއި އަދި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން، އިގްތިސާދުގައި ހިމެނޭ މުހިންމު ހަތަރު ދާއިރާކަމުގައިވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ދެކޭގޮތް، ދެނެގަތުމުގެ ގޮތުން ހިންގޭ ސާވޭއެކެވެ.

މި ސާވޭގެ މަގްސަދަކީ ކުރުމުއްދަތުގައި އިގްތިސާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުންކަމަށް އެމްއެމްއޭއިން ބުނެއެވެ.