ކުޅިވަރު

އިންތިހާބު ކެންސަލް ކުރުމުން ކްލަބްތަކުން ކަންބޮޑުވުން ފާޅުކޮށްފި




އެފްއޭއެމް އިންތިހާބު ކެންސަލް ކުރުމުން ރާއްޖޭގެ
ކްލަބްތަކުން ކަންބޮޑުވުން ފާޅުކޮށްފި. މިރޭ ފުރަތަމަ ޑިވިޝަނާއި، ދެވަނަ
ޑިވިޝަނާއި، އަދި ތިންވަނަ ޑިވިޝަންގެ ބައެއް ކްލަބްތަކުން ބޭއްވި ނޫސްވެރިންގެ
ބައްދަލްވުމުގައި ކްލަބްތަކުން ބުނީ އެފްއޭއެމް ހިނގަމުން އައީ ރަނގަޅަށް
ކަމަށާއި، ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަށް ފުރިހަމަ އިތުބާރު
އެބައޮތް ކަމަށެވެ.

އިންތިހާބު ކެންސަލް ކުރަން ޖެހުމުން ފީފާއިން ރާއްޖެއާ
މެދު އަޅާފާނެ ފިޔަވަޅަކާމެދު ކަންބޮޑުވާ 
ކަމަށްވެސް މިބައްދަލްވުމުގައި ބައިވެރިވި ކްލަބްތަކުން ފާހަގަކުރިއެވެ.
މިބައްދަލްވުމުގައި ފުރަތަމަ ޑިވިޝަންގެ އަށް ކްލަބްގެ ތެރެއިން ހަކްލަބަކުން
ބައިވެރިވިއެވެ. ބައިވެރި ނުވަނީ ވިކްޓްރީއާ މަހިބަދޫ ސްޕޯޓްސްއިން.

ކްލަބްތަކުގެ
ފަރާތުން ވާހަކަ ދައްކަމުން ވެލެންސިޔާގެ މެނޭޖަރ އަބްދުﷲ ޝިބާއު ބުނީ ފީފާގެ
ސަސްޕެންޝަން އަތުވެއްޖެ ނަމަ ވަރލްޑްކަޕް ކޮލިފައިންއާ، އޭއެފްސީ ކަޕް އަދި
ކުރިއަށްއޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުމުގެ ފުރުސަތު ގެއްލުން
ކައިރިކަމަށެވެ. އަދި ހުރިހާ ކްލަބަކުންވެސް އެފްއޭއެމްގައި މިހާރު އޮތް
މެނޭޖްމަންޓަށް ތާޢީދު ކުރާ ކަމަށާއި، ކްލަބްތަކުން އެދެނީ ވީހާވެސް އަވަހަކަށް ހޯމް
މިނިސްޓްރީއިންނާއި، ޔޫތް މިނިސްޓްރީއިން ދިމާވެގެން މިއުޅޭ މައްސަލަ
ހައްލުކޮށްދިނުން ކަމަށެވެ.

" މަދު ދުވަސްކޮޅެއްގެ ތެރޭގައި ޝަވީދުއާއެކު އެފްއޭއެމްއިން ޕޮޒިޓިވް ގިނަ ކަންތައްތަކެއް ކޮށްދީފި. ކްލަބްތަކަށް މާލީގޮތުން ބޮޑު އެހީއެއް އެބަވޭ. ރާއްޖޭގެ ފުޓްބޯޅަ އެހެން މިސްރާބަކަށް ގެންދަން މަސައްކަތް އެބަކުރޭ. އެހެންވީމަ މިއަދު ކުއްލިއަކަށް މިމަސައްކަތް ހުއްޓުވާލައިފި ނަމަ ގެއްލުން އެވަނީ މުޅި ޤައުމަށް. މުޅި ރާއްޖޭގެ ފުޓްބޯޅައަށް. އަޅުގަނޑުމެން މަސައްކަތް ކުރާނަން އަދިވެސް ސަރުކާރާ ވާހަކަ ދައްކައިގެން މިކަމަށް ހައްލެއް ހޯދަން. ފީފާގެ ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ ރާއްޖެއަށް ވާނެ ގެއްލުން ބުނަންވެސް ނޭނގޭ" ޝިބާޢު ބުންޏެވެ.



އެފްއޭއެމްއިން
މިއަދު ބާއްވަން އުޅުނު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ކެންސަލް ކުރީ ކޮންގްރެސް
ބޭއްވުމަށް ސަރުކާރުގެ އިދާރާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭ ކަމަށް ބުނެއެވެ.
މީގެ ކުރިން ފީފާއާއި އޭއެފްސީ އިން ވަނީ މިއިންތިހާބަށް ސަރުކާރުގެ ނުފޫޒު
ފޯރުވާނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.