ކުޅިވަރު

އާސެނަލް އާއި ސަދެމްޓަން ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލް އާއި ސަދެމްޓަން ބައްދަލުކުރިމެޗް އާސެނަލް ކަމިޔާބުކޮށްފިއެވެ. ސަދެމްޓަންގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލް ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު އެއްލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ މިނެޓްގައި އާސެނަލްގެ އެލެގްޒެންޑަރ ލަކަޒެޓްއަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. އަދި މާގިނައިރު ތަކެއް ނުވެ މެޗްގެ 3 ވަނަ މިނެޓްގައި ސަދެމްޓަންގެ ސުޓުއަޓް އާމްސްޓްރޯގް ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގައިދިނެވެ. ނަމަވެސް މިލަނޑު ޖެހިތާ ފަސް މިނެޓްފަހުން އާސެނަލްއިންވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. އަދި މިމެޗްގައި އާސެނަލްއަށް ލީޑު ނަގައިދިނީ މެޗްގެ 39 ވަނަ މިނެޓްގައި ބުކާޔޯ ސާކާ ޖަހައިދިން ލަނޑުންނެވެ. މިހާފްގައި ދެޓީމަށްވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިގެން ގޮސްފައިވެއެވެ. މިމެޗްގައި އާސެނަލްގެ ތިންވަނަ ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހައިދިނީ ލަކަޒެޓްއެވެ.
މިކާމިޔާބީއާއެކު އާސެނަލް މިހާރުވަނީ ތާވަލްގެ 8 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 20 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކުއެވެ. އަދި ސަދެމްޓަންވަނީ 19 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައަށް ވެއްޓިފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ވަނީ މިކާމިޔާބީ އެޓީމްގެ ކެޕްޓަން ޕިއަރ އެމެރިކް އައުބަމެޔަންއަށް ޑެޑިކޭޓް ކޮށްފައެވެ. އަމިއްލަ ސަބަބު ތަކަށްޓަކައި މިވަގުތު ޓީމާދުރުގައި ހުރި އައުބެޔާންގ މިވަގުތު ދަތިތަކަކާ ކުރިމަތިލާފައިވާ ކަމަށާއި މިދަތި ވަގުތު އާސެނަލްގެ މުޅި ޓީމް އޭނާއާއެކު ތިބިކަމުގައި އާސެނަލްގެ ކޯޗު ހާމަކުރިއެވެ.