ދުނިޔޭގެ ވިޔަފާރި

ރިޔާސީ އަމުރެއްގެ ދަށުން އެމެރިކާގެ އުފެއްދުންތައް ގަތުން އިތުރުކުރަނީ


އެމެރިކާގެ އުފެއްދުންތައް ގަތުމަށް އިސްކަން ދިނުމަށް އެ ޤައުމުގައި އެކުލަވާލާފައިވާ 'ބައި އެމެރިކަން' ސިޔާސަތު ތަންފީޒުކުރުން އިތުރަށް ހަރުދަނާކޮށް އެ ސިޔާސަތަށް އިތުރަށް ބާރުދޭ ރިޔާސީ އަމުރެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ސޮއިކުރައްވައިފިއެވެ.

ބައިޑަންގެ ރިޔާސީ އަމުރަކީ އެމެރިކާގައި ދޭ އުޖޫރައިގެ މިންވަރު އިތުރުކޮށް ޔޫނިއަން ވަޒީފާތައް އިތުރުކުރުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ސޮއިކުރައްވާފައިވާ އަމުރެކެވެ.

ރައީސް ބައިޑަން ރިޔާސީ އަމުރު ނެރުއްވާފައިވަނީ އެމަނިކުފާނުގެ ސަރުކާރުން އެ ޤައުމުގެ ކާރުޚާނާތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ އުންމީދުގައެވެ.

މެނުފެކްޗަރިންގެ މަސައްކަތްތައް ޗައިނާފަދަ ބޭރު ޤައުމުތަކަށް އައުޓްސޯސް ކުރުމުގެ ސަބަބުން އެމެރިކާގައި މެނުފެކްޗަރިންގ ދާއިރާއިން ލިބެންހުރި ވަޒީފާގެ ޢަދަދު ވަރަށް ދަށެވެ. މަސައްކަތްތައް ފުރިހަމަކުރުމަށް މެޝިން ބޭނުންކުރުން އިތުރުވެ އިންސާނުންގެ ބޭނުން ކުޑަވުމުގެ ސަބަބުންވެސް ގިނަ ޢަދަދެއްގެ ވަޒީފާތައްވަނީ ގެއްލިފައެވެ.

ބައިޑަން ސޮއިކުރެއްވި ރިޔާސީ އަމުރު އަމާޒުކޮށްފައިވަނީ ސަރުކާރުގެ ކޮންޓްރެކްޓުތަކަށް ޚާއްޞަކޮށްފައިވާ 600 ބިލިއަން އެމެރިކާ ޑޮލަރަށެވެ. އެ އަމުރުގައި އެމެރިކާގެ އުފެއްދުންތައް ގަތުމަށް އިސްކަން ދިނުމަށް ސަރުކާރަށް ގަންނަ މުދަލުގެ އަގުގެ އެންމެ މަތީ އަގު އިތުރުކުރުމަށް އިދާރާތަކަށް އަންގާފައިވެއެވެ. އޭގެ އިތުރުން އެމެރިކާގެ އުފެއްދުންތައް ނޫން އުފެއްދުންތައް ގަތުމުގެ ޙުއްދަދޭ ޚާއްޞަ ޙުއްދަތައް އަލުން މުރާޖަޢާކުރުމަށްވެސް އެ އަމުރުގައިވަނީ އަންގައިފައެވެ. އަދި ވައިޓް ހައުސްގެ އޮފިސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓުގެ ދަށުން 'ޑިރެކްޓަރ އޮފް މޭޑް-އިން-އެމެރިކާ'ގެ މަޤާމު އުފައްދައި، އައު ޤަވާއިދުތައް ތަންފީޒުކޮށް އެ ޤަވާއިދުތަކަށް ޢަމަލުކުރޭތޯ ބެލުމުގެ މަސައްކަތް ޙަވާލުކުރާނެއެވެ.

އަލަށް ސޮއިކުރެއްވި ރިޔާސީ އަމުރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ އެމެރިކާ ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ ބޭނުންކޮށްގެން ޤައުމު އަލުން އާރާސްތުކުރައްވާނެކަމަށެވެ. އެގޮތުން އެމެރިކާގެ އުފެއްދުންތައް ގަނެ، އެމެރިކާގެ ވަޒީފާތަކާއި ޔޫނިއަން ވަޒީފާތަކަށް އިސްކަންދޭނެކަމަށް ބައިޑަން ވިދާޅުވިއެވެ.

ރިޔާސީ އަމުރާއި ގުޅޭގޮތުން ވައިޓު ހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް އިސްކަން ދިނުމަށް މިހާރުވެސް ޤާއިމްކޮށްފައިވާ ސިޔާސަތުތަކުގެ އެންމެ ފުރިހަމަ ބޭނުން ސަރުކާރުން ހިފަންވިތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ. އޭގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ކުރިއަރައި، މަސައްކަތްތެރިންނާއި މުޖުތަމަޢުތަކަށް ކުރިއެރުން ލިބިގެންދާނެކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

ރައީސް ބައިޑަންގެ ރިޔާސީ އަމުރަކީ އެމެރިކާއަށް ބޭރުގެ ވިޔަފާރިތަކުން އޮތް ވާދަވެރިކަން ކުޑަކުރުމަށް އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެކްސް ނެގުމަށް ބާރުއަޅާ އަމުރެއްގެ ގޮތުގައި ބެލެވިދާނެކަމަށް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ބައިޑަންގެ ސަރުކާރުގެ އިސް ފަރާތަކުން ވިދާޅުވީ އެ އަމުރަކީ ދުނިޔޭގެ ވިޔަފާރި ޖަމުޢިއްޔާ، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނާއި އެކުގައި އޮތް އެއްބަސްވުންތަކާއި އެއްގޮތަށް އެކުލަވާލާފައިވާ އަމުރެއްކަމަށެވެ. އެމެރިކާގެ ވިޔަފާރީގެ ބައިވެރިންނާއެކު މަސައްކަތްކޮށް ދުނިޔޭގައި ޢަމަލުކުރަމުންދާ ޤަވާއިދުތަކަށް ހެޔޮ ބަދަލުތައް ގެނައުމަށް ވައިޓު ހައުސްއިން އުންމީދުކުރާކަމަށް އެފަރާތުން ބުންޏެވެ. އަދި މަސައްކަތްތައް ކުރުމުގައި އިންސާނުން ބޭނުންކުރާ މިންވަރު މަދުވުމާއި، ބައިނަލްއަޤްވާމީ މައިދާނެއްގައި ވިޔަފާރިތައް ޙަރަކާތްތެރިވުމަކީ ރަނގަޅު އާމްދަނީއެއް ލިބޭ ޔޫނިއަން ވަޒީފާތައް ނުހުންނަންވީ ސަބަބެއްކަމަށް ރައީސް ބައިޑަން ޤަބޫލުނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ބައިޑަން ވަނީ އެމެރިކާގައި މެނުފެކްޗަރިން ދާއިރާއިން ގިނަ ވަޒީފާތައް އުފައްދަވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕުވެސް އެފަދަ ވަޢުދުތައް ވެވަޑައިންނަވާފައިވާކަމަށާއި ނަމަވެސް އެ ވަޢުދުތަކާއި އެއްގޮތަށް ރައީސް ޓްރަންޕު ޢަމަލުކުރައްވާފައި ނުވާކަމަށްވެސް ބައިޑަން ވަނީ ތުހުމަތުކުރައްވާފައެވެ.

ރައީސް ޓްރަންޕުގެ ވެރިކަމުގައި 'ބައި އެމެރިކަން' ސިޔާސަތަށް ޢަމަލުކުރުމަށް ލާޒިމްނުވާފަދަ ޙުއްދަތައް ސަރުކާރުގެ އިދާރާތަކުން ދީފައިވާކަމަށާއި، އޭގެ ސަބަބުން އެމެރިކާގެ އެތައް ބިލިއަން ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކަމުން ދިޔަ ފައިސާ ބޭރުގެ ވަޒީފާތަކަށާއި ބޭރުގެ ދާއިރާތަކަށް ޚަރަދުކުރަންޖެހުނުކަމަށް ބައިޑަން ވިދާޅުވިއެވެ.