ޚަބަރު

ބޭނުންވާ މިންވަރަށްވުރެ އިތުރަށް ވެކްސިން ނުގަތުމަށް ދެކުނު އެފުރިކާގެ ރައީސް ގޮވާލައްވައިފި


ބޭނުންވާ މިންވަރަށްވުރެ އިތުރަށް ކޯވިޑް-19 ވެކްސިން ނުގަތުމަށް ދެކުނު އެފުރިކާގެ ރައީސް، ސައިރިލް ރަމަފޯސާ މުއްސަނދި ޤައުމުތަކަށް ގޮވާލައްވައިފިއެވެ.

އެފްރިކާ ބައްރުގައި މިހާތަނަށް 3.47 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 86،107 މީހުންވަނީ އެބަލީގައި މަރުވެފައެވެ. އެފްރިކާ ބައްރުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ ދެކުނު އެފްރިކާގައެވެ. ދެކުނު އެފުރިކާގައި މިހާތަނަށް 1.4 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު 41،117 މީހުންވަނީ މަރުވެފައެވެ. އެފްރިކާ ބައްރުގައި ދިރިއުޅޭ 1.3 ބިލިއަން މީހުންނަށްވާ ވަރަށް ކޯވިޑް-19 ވެކްސިން ހޯދުމުގައި އެފުރިކާގެ ޤައުމުތަކުންދަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލަމުންނެވެ.

ވޯލްޑް އެކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން ރައީސް ރަމަފޯސާ ވިދާޅުވީ ކޯވިޑް-19ން އަރައިގަތުމަށް ޤައުމުތަކުން އެކުގައި މަސައްކަތްކުރަންޖެހޭކަމަށާއި މުއްސަނދި ޤައުމުތަކުން ބޭނުންވާ މިންވަރަށްވުރެ އިތުރަށް ގަނޑުކޮށްގަނެ، ރައްކާކޮށްފައިވާ ވެކްސިންތައް އެހެން ޤައުމުތަކަށް ލިބޭނެގޮތަށް އެ ޤައުމުތަކުން ދޫކޮށްލަންޖެހޭކަމަށެވެ. ބައެއް ޤައުމުތަކުން އެ ޤައުމުގެ އާބާދީގެ ހަތަރު ގުނައަށް ފުދޭވަރަށް ވެކްސިން ގަނެ ރައްކާކޮށްފައިވާކަމަށާއި އޭގެ ސަބަބުން ބައެއް އެހެން ޤައުމުތަކަށް ވެކްސިން ނުލިބޭކަމަށް ރައީސް ރަމަފޯސާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުންވަނީ ދުނިޔޭގެ ޤައުމުތަކަށް ހަމަހަމަކޮށް ވެކްސިން ލިބެން ނެތުމަކީ ބޮޑު ކާރިޘާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާވަނީ ވެކްސިންގެ ޑޯޒްތައް ދުނިޔޭގެ ހުރިހާ ސަރަޙައްދަތަކަށް އިންސާފުވެރިކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޤައުމުތަކަށާއި ވެކްސިން އުފައްދާ ކުންފުނިތަކަށް ގޮވައިލައްވައިފައެވެ.

ރައީސް ރަމަފޯސާއަކީ އެފްރިކަން ޔޫނިއަންގެ މުޤައްރިރެވެ. މިމަހުގެ ތެރޭގައި އެ ޔޫނުއަނުންވަނީ އެފްރިކާ ބައްރަށް 270 މިލިއަން ވެކްސިން ޑޯޒް ހޯދައިފައެވެ. ޑަބްލިއުއެޗުއޯގެ ފަރާތުން ހިންގާ ކޯވެކްސް މަޝްރޫއިން އެ ބައްރަށް 600 މިލިއަން ވެކްސިން ޑޯޒް ލިބޭނެއެވެ. އެ ޑޯޒްތައް މި އަހަރުގެ ތެރޭގައި ލިބޭނެކަމަށް ބެލެވޭ ނަމަވެސް އޭގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް އެފްރިކާއަށް ފޯރާފައެއް ނުވެއެވެ. އެއާ ޚިލާފަށް ވިލާތާއި އޭޝިޔާއާއި އެމެރިކާގެ ޤައުމުތަކުގައި ވެކްސިން ދިނުމުގެ މަޝްރޫޢުތައް ފެށިގެން މިހާރު ކުރިއަށްދެއެވެ.

އިނގިރޭސިވިލާތުންވަނީ އެ ޤައުމުގެ 67 މިލިއަން މީހުންގެ އާބާދީއަށް ކޯވިޑް-19އާއި ދެކޮޅަށް އުފައްދާފައިވާ އެކި ވެކްސިންތަކުގެ 367 މިލިއަން ޑޯޒް ގަނެފައެވެ. ވިލާތުގެ އިއްތިޙާދުންވަނީ 450 މިލިއަން މީހުންގެ އާބާދީއަކަށް 2.3 ބިލިއަން ވެކްސިން ޑޯޒް ހޯދާފައެވެ.

ދެކުނު އެފްރިކާއަށް ފުދޭ މިންވަރަށް ވެކްސިން ހޯދާފައިނުވާކަމަށް ބުނެ އެ ޤައުމުގެ ރައްޔިތުންގެ ހިތްހަމަނުޖެހުންވަނީ ރައީސް ރަމަފޯސާއަށް އަމާޒުވެފައެވެ. ވެކްސިނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރަމަފޯސާ ވިދާޅުވީ އެފުރިކާގެ ޤައުމުތަކަށް އަވަސްގޮތަކަށް ވެކްސިން ބޭނުންވާކަމަށާއި އެއްބައި ޤައުމުތަކުން ވައިރަހާއި ދެކޮޅަށް ވެކްސިން ދޭއިރު އަނެއްބައި ޤައުމުތަކުން ވެކްސިން ނުދޭނަމަ ބައްޔާއި ދެކޮޅަށް ރައްކާތެރިކަމެއް ނެތްކަމަށެވެ.