ޚަބަރު

ރާއްޖޭގައި ޗައިނާ ކުންފުނިތަކުން ކުރިއަށްގެންދާ އެއްވެސް މަޝްރޫޢެއް ނުހުއްޓޭނެ - ޗައިނާ


ރާއްޖޭގައި ޗައިނާ ކުންފުނިތަކުން ކުރިއަށްގެންދާ އެއްވެސް މަޝްރޫޢެއް ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަޤީންކަން އެ ޤައުމުން ދީފިއެވެ. ޗައިނާއިން މި ޔަޤީންކަން ދީފައިވަނީ ޗައިނާ ސަރުކާރާއި، ދިވެހި ސަރުކާރާ ދެމެދު ބޭއްވި ބައިލެޓްރަލް ކޮންސަލްޓޭޝަންގެ 7 ވަނަ ބުރުގައި ކުރެވުނު މަޝްވަރާތަކުގައެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ބޭއްވި ބައިލެޓްރަލް ކޮންސަލްޓޭޝަންގެ 7 ވަނަ ބުރުގައި ދިވެހި ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެޤައުމުގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ލޫ ޝައުހުއީއެވެ.

މި މަޝްވަރާގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަލީލު ދެއްކެވި ވާހަކައިގައި "ވަން-ޗައިނާ" ޕޮލިސީއަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާޢީދުކުރާކަން ވަނީ ހާމަކުރައްވާފައެވެ. އަދި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ޗައިނާއިން ވެދެމުންދާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޗައިނާ މާކެޓް މުހިއްމު ދައުރެއް އަދާކުރާއިރު، ދެ ޤައުމުގެ ދެމެދު ދަތުރުކުރުމުގައި ހުރި ގޮންޖެހުުންތައް ނައްތާލާ، ޗައިނާ މާކެޓަށް ރާއްޖޭގެ ފަތުރުވެރިކަން ވީ އެންމެ އަވަހަކަށް އަލުން ހުޅުވާލަން ބޭނުންވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މި ބައްދަަލުވުމުގައި ޗައިނާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ލޫ ޝައުހުއީ ވިދާޅުވީ، ޗައިނާއިން އަބަދުވެސް ރާއްޖެދެކޭނީ އެ ޤައުމާ އެކުވެރި މުހިއްމު ބައިވެރިއެއްގެގޮތުގައިކަމަށެވެ. އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ ޝަޢުގުވެރިކަން ޗައިނާއިން އަބަދުވެސް ގެންގުޅޭކަމަށް އެ ޤައުމުގެ ވައިސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޗައިނާ ކުންފުނިތަކުން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދު ބޭއްވި މަތީ ފަންތީގެ މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިއްމު ކަންތައްތަކުގެ ތެރޭގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޯވިޑް-19އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި އަދި ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ. އަދި ކޯވިޑް-19އިން އަރައިގަނެ، އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިއާދަކުރުމާބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން ކުރިއަށްއޮތް 2022 ވަނަ އަހަރަކީ ރާއްޖެއާއި ޗައިނާގެ ގުޅުމަށް 50 އަހަރުފުރޭ ރަންޔޫބީލު އަހަރުކަމުން، އެކަން ފާހަގަކުރުމަށް ދެ ޤައުމު ގުޅިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމާގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. ކުރިއަށްހުރި ޕްރޮޖެކްޓްތަކާބެހޭ ގޮތުން ދިވެހި ސަރުކާރުން މަޝްވަރާކުރާނެކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މިގޮތަށް ބާއްވަމުންދާ ބައިލޭޓަރަލް ބައްދަލުވުންތަކަކީ ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ހުޅުވިގެންދާ ވަރަށް މުހިއްމު ދޮރެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ބައިލޭޓަރަލް ކޮންސަލްޓޭޝަން އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.

ދިވެހިރާއްޖެއިން ޗައިނާއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޯބަރު 1972 ގައެވެ.