ކުޅިވަރު

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ކެންސަލްކޮށްފި


    މިރޭ ބާއްވަން އުޅުނު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ
ކޮންގްރެސް ކެންސަލްކޮށްފި. މިއަދު ހަވީރު އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި
ބުނެފައިވަނީ ކޮންގްރެސް ކެންސަލް ކުރަން ނިންމީ 
ކޮންގްރެސް ބޭއްވުމަށް ސަރުކާރުގެ އިދާރާތަކުން ލިބެން ޖެހޭ އެއްބާރުލުން
ނުލިބުމުން ކަމަށެވެ. ފީފާއާ އޭއެފްސީގެ އޮފިޝަލުން ރާއްޖެއައިސް ހޯމް މިނިސްޓްރީ
އަދި ޔޫތް މިނިސްޓްރީއާއެކު މަޝްވަރާކުރި ނަމަވެސް ފަހުވަގުތާ ޖެހެންދެންވެސް
ހުއްދަ ނުލިބުމުން ކޮންގްރެސް ކެންސަލް ކުރީ ކަމަށް އެފްއޭއެމް އިން ބުނެއެވެ. ކުރުނބާ
މޯލްޑިވްސްގައި ބޭއްވުމަށް ނިންމާފައިވާ މި ކޮންގްރެސްއަށް އެރިސޯޓް ދޫނުކުރުމަށް
އިއްޔަ ހޯމް މިނިސްޓްރީން ވަނީ އެރިސޯޓްގައި އެދިފައެވެ. އެފްއޭއެމް އިންތިހާބާ ގުޅޭ
ގޮތުން ހޯމް މިނިސްޓްރީއިން އޭޖީ އޮފީހުގެ ލަފަޔަކަށް އެދިފައިވާއިރު، އޭޖީ
އޮފީހުން ބުނީ ފުޓްބޯޅަ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ބަދަލު ގެންނެވި
ކަމުގައިވީނަމަވެސް އެއަށް ޢަމަލު ކުރެވޭނީ ޖަމިއްޔާތަކާ ބެހޭ ޤާނޫނުގެ ދަށުން
ހަދާފައިވާ ޖަމިއްޔާތަކާ ބެހޭ ޤަވާއިދުގެ ދަށުން ޖަމިއްޔާގެ ރަޖިސްޓްރާގެ ހުއްދަ
ލިބުމުން ކަމަށް ފެންނާތީ، ޖަމިއްޔާގެ ރަޖިސްޓްރާގެ ހުއްދަ ލިބުމުގެ ކުރިން އަލަށް
އެކުލަވާލެވިފައިވާ ހިންގާ ޤަވާއިދުގެ ދަށުން އެފްއޭއެމްގެ ކޮންގްރެސް ބޭއްވޭނެ ކަމަށް
ނުފެންނަ ކަމަށެވެ. އެފްއޭއެމް އިން މިއަދު ބުނީ މިވަގުތު ރާއްޖޭގެ ހާލަތު
ހުރިގޮތުގެ ތަފްސީލް ރިޕޯޓެއް ފީފާއާ އޭއެފްސީއަށް ފޮނުވާނެ ކަމަށެވެ. ފީފާއާ އޭއެފްސީ
އިން މީގެ ކުރިން ބުނީ ސަރުކާރުގެ ނުފޫޒު އެފްއޭއެމް އިންތިހާބަށް ފޯރުވާނަމަ
ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ. އެފްއޭއެމް އިންތިހާބުގައި
ވާދަކުރައްވަނީ ނޯމަލަޒިޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެކަންޏެވެ.
ފީފާއިން ކަނޑައަޅާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތު ހަމަވާނީ މިމަހުގެ 31ގެ ނިޔަލަށެވެ.