ޚަބަރު

"ގައިޑްލައިންތަކާ އެއްގޮތައް އަމަލުކުރޭ، އެހެންނޫނީ ރައްކަލެއް ނެތް!"


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވެގެން ދިއުމާއެކު ރައްޔިތުންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ޙާލަތު ރަނގަޅުކުރުމަށް ރާއްޖޭގެ މިއައްސަސާތަކުން އެޅި ފިޔަވަޅުތަކާ މެދު ބައިނަލްއަގްވާމީ އެތައް ޖަމާޢަތެއްގެ ތައުރީފު ލިބުނެވެ.

މިޙާލަތު ރަނގަޅުކުރުމަށް ރާއްޖެއިން ދުރާލައި އެޅި ފިޔަވަޅެއްގެ ސަބަބުން ޙާލަތުގެ ނުރައްކާ ކުޑަކުރެވި އެދެވޭ އަދި އުންމީދީ ކުރިއެރުންތަކެއް ފެންނަމުން ދިޔައެވެ. އެހެންނަމަވެސް ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަނެއްކާވެސް އިތުރުވެ މިހާރު މިއޮތީ އަނެއްކާވެސް އެންމެހައި ފަރުދުން ވިސްނަންޖެހޭ ޙާލަތަށް އައިސްފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ޢަދަދުތައް އިތުރުވާން ފަށާފަވާކަމުގެ ކަންބޮޑުވުން މިހާރު އެބައޮތެވެ. 2 މަސްދުވަހުގެ މުއްދަތަކަށްފަހު އެއްދުވަހެއްގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ ޢަދަދު 100 އަށްވުރެ މައްޗަށް ހިނގައެވެ.

ޙާލަތަށް ނުރަނގަޅު ބަދަލުރައް އައުމަސް މެދުވެރިވީ ކޮން ސަބަބުތަކެއްތޯ ވިސްނާލަން އެބަޖެހެއެވެ. ރާއްޖެއިން ކޯވިޑް-19ގެ ކޭސްތައް މަދުވެގެން އައިނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި އުސޫލުތަކާމެދު ފަރުވާކުޑަ ނުކުތުމަށް ކަމާބެހޭ ފަރާތްތަކުން އައީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ. ކޮންމެ ކަމަކަށް، އެކަމުގައި ޢަމަލުކުރާނެ ގޮތްތައް އޮތީ ލިޔެ ޢާއްމުކުރައްވާފައެވެ. އެންމެ ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަމާ ހަމައަށެވެ. ސުވާލަކީ އެއާއި އެއްގޮތައް އެންމެ ފުރިހަމައަށް ޢަމަލުކުރެވުނުބާއެވެ. އުސޫލުތައް އެންމެ ރަނގަޅަށް ތަންފީޒުކުރެވުނު ބާއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ ސެންޓަރގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ ކޯވިޑް-19ގެ ކޭސްތައް ރާއްޖޭގައި އަނެއްކާވެސް އިތުރުވަމުންދަނީ ކަނަޑައެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމުގައި ރުވާކުޑަ ކުރެވުމުގެ ސަބަބުންކަމަށެވެ.

ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމަކަށްވާއިރު ވަރަށްގިނަ ކަންކަން ގުޅިފައިވަނީ ރާއްޖެއަށް ލިބެމުން އަންނަ ޢާމްދަނީއާއެވެ. ޚާއްސަކޮށް ރާއްޖެއިން ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ބޮޑުވެފައި ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން މި ސިނާޢަތަށް އަންނަ ލޮޅުން ބޮޑުވުމަކީ އޮތް ކަންބޮޑުވުމެވެ. ޙާލަތު ގޯސްވެ އިޤްތިޞާދީ މިފަދަ މަސައްކަތްތައް ހުއްޓާލައިގެން ތިބުމަކީ ރާއްޖެފަދަ ޤައުމަކަށް މާގިނަދުވަހު ތަޙައްމަލުކުރެވޭނެ ކަމެއްނޫނެވެ.

މީގެ އިތުރުން އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް ޤައުމު ހުއްޓުމަކަށް ގެނެސްގެން ތިބުމުގެ ސަބަބުން އިޤްތިޞާދީ، އިޖުތިމާޢީ، އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ. މާގިނަ ދުވަހު މިޙާލަތުގައި އޮންނަންޖެހިއްޖެނަމަ އެއީ ޢިއާދަނުކުރެވޭނެ ގެއްލުމަކަށް ވާނެއެވެ.

"އެއްއަހަރު ވަންދެއް އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް މިކަންތައްތައް ހުއްޓާލައިގެން. އެކަމަކު މިއިން އެއްވެސް ކަމަކީ ކުރިން މިދިޔަ އަހަރުގެ ޖެނުއަރީގައި އަޅުގަނޑުމެން އުޅުނު ގޮތަކަށް އުޅޭކަށް ނޫން މިހާރު މިހިރީ ހުޅުވިފައެއް. ކޮންމެ ކަމަކަށްވެސް އެބޮތް ވަރަށް ތަފްސީލުކޮށް، އަޅުގަނޑުމެން އެޗްޕީއޭއިން ދުވަހަކުވެސް އެއްފަހަރާ މިހާ ގިނަ ގައިޑްލައިން ހިއެއްނުވެ ހަދާފަ ހުންނާނެހެނެއް. ކޮންމެ ކަމަކަށް ވަކިވަކި ގައިޑްލައިންތައް ހަމަ ތަފްސީލުކޮށް ތައްޔާރުކުރެވިފަ އާއްމުކުރެވިފަ މިހާރު މިހިރީ.މިހަމަ މިގޮތައް އަމަލު ނުކުރެވިއްޖާ އަނެއްކާވެސް ގިނަވާނެ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވެ ސާފުކުރުމާއި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަކީ ބުނެލަން ވަރަށް ކުދިކުދި އެހެންނަމަވެސް ވަރަށް ޢަމަލުކުރުން އިންތިހާއަށް މުހިންމު ކަންކަމެވެ. ޚާއްސަކޮށް މިދުވަސްވަރު ވަރަށްފަރުވާ ފަރުވާ ބަހައްޓައިގެން ކުރަންޖެހޭ ކަންކަމެވެ. މިއީ އާދައިގެ ކަމަކަށް ހަދައިގެން ކޮންމެ މީހަކު ފަރުވާކުޑަކޮށްލައިފިނަމަ ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެންނަލެއް އިތުރުވަނެއެވެ.

"މިކަހަލަ ވަރަށް ބައިވަރު ކުދި ކުދި ކަންތައްތައް ވަރަށް ގިނަ މީހުން އެއްފަހަރާ ކުރީމަ ހަމަ ކޭސަސް އިތުރުވަނީ. ކޮންމެހެން ބޮޑު ކްލަސްޓަރއެއް އުފެދިގެން ނޫނީ މާބޮޑެތި ކަންތައްތަކެއް ވެގެންނެއް ނޫން މިހެން ކުރެވޭ ވަރަށް ބައިވަރު ކުދި ކުދި ކަންތައްތަކުން ކޭސަސް ގިނަވަނީ އިނގޭތޯ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ބުރަ މަސައްކަތްތަކުގައި ޢާއްމުންގެ ފުރިހަމަ އެއްބާރުލުމާއި ކިޔަމަންތެރިކަން ވަރަށްބޮދަށް ބޭނުންވެއެވެ. ޕޮޒިޓިވްވާ ޢަދަދު މަދުވިޔަސް ނުވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހެއެވެ. އެހެންނޫންނަމަ އަނެއްކާ ދެވަނަ ފުރަބަންދަކަށް ދާންޖެހުމަކީ ގާތުގައިވާކަމެކެވެ. ނުވަތަ މިހާރު ލުއި ދީފައިވާކަންކަން ހަރުކަށި ކުރުމަކީ އަޅަންޖެހިދާނެ ފިޔަވަޅެކެވެ. އާޚިރުގައި ހުރިހާ ދެރަޔަކާއި ނިކަމެތިކަމެއް ލިބޭނީ ޢާއްމު ރައްޔިތުންނަށެވެ.