ޚަބަރު

ތ.އަތޮޅުގެ ދެރަށެއްގެ ސިއްޙީ މަރުކަޒު އަލުން އަޅަނީ


ދެރަށެއްގެ ސިއްޙީމަރުކަޒުގެ އާ ޢިމާރާތް އެޅުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މިއަދު ޙަވާލުކޮށްފައިވަނީ ތ.ކިނބިދޫއާއި ތ.ކަނޑޫދޫގެ ސިއްޙީ މަރުކަޒުގެ އާޢިމާރާތްކުރުމުގެ މަސައްކަތެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ތ.ކިނބިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހެލްތު މިނިސްޓްރީން ޙަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 15 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 10 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ހެލްތު މިނިސްޓްރީން ވިދާޅުވާ ގޮތުގައި ތ.ކިނބިދޫގައި މިހާރު ބޭނުންކުރަމުން އަންނަ ސިއްޙީ މަރުކަޒުގެ އިމާރާތް ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އަދި އެއީ ބޭނުންކުރުން އެހާ ރައްކާތެރި ޢިމާރާތެއް ނޫންކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެމިނިސްޓްރީން ވިދާޅުވީ އާ ޢިމާރާތާއެކު މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއްވެސް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ތ.ކަނޑޫދޫ ސިއްޙީ މަރުކަޒުގެ އާޢިމާރާތް އެޅުމަށް ޙަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 13.9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 10 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ އެރަށުގެ ސިއްޙީ މަރުކަޒަކީވެސް ވީރާނާވެ ވަރަށް ބޮޑަށް ބާވެފައިވުމުގެ އިތުރުން ޖާގައިގެ ގޮތުންވެސް ދަތިތަކާއި ކުރިމަތިވެފައިވާ މަރުކަޒެއްކަމަށެވެ. މިޢިމާރާތާއެކުވެސް ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ އެކޮމޮޑޭޝަން ބުލޮކެއްއެޅުމަށްވަނީ ނިންމާފައެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިދެ ރަށުގެ ސިއްޙީ މަރުކަޒު އެޅުމުގެ މަޝްރޫޢޫތައް ކުންފުނިތަކާ ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު އަޙްމަދު އާދިލްއެވެ.



މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފ ސްޓޭޓް ފޯރ ހެލްތު އަޙްމަދު އާދިލް ވިދާޅުވީ ސިއްޙީ މަރުކަޒުތައް ޢިމާރާތްކުރުމުގައި ޒަމާނީ ފަރުމާތަކެއް ބޭނުންކުރަން ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިދެރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކުގައި ބޭނުންކުރާނީ އިޔާދަކުރަނިވި ހަކަތަކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އަޑު:" މިއީ ފެށުމެއްކަމުގައި އަޅުގަނޑުމެން މިބަލަނީ. މި ޢިމާރާތްތައް އެޅުމުގައި އަޅުގަނޑުމެން ބޭނުންކުރާނީ ގްރީން އެނަރޖީ. އަދި ކުރިއަށް އޮތްތަނުގައި ޢިމާރާތްކުރާ ހުރިހާ ސިއްޙީ މަރުކަޒުތަކެއްވެސް ޢިމާރާތްކުރުމުގައި މިކަންކަމަށް ސަމާލުކަންދޭނަން."

މި ރަސްމިއްޔާތުގައި ތ.ކިނބިދޫގެ ސިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުރުޝިދާ އަލިމަނިކެވެ. ތ.ކަނޑޫދޫ ސިއްޙީ މަރުކަޒުގެ އާޢިމާރާތް ތަރައްޤކީކުރުމުގެ މަޝްރޫޢުގައި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަސްލަމެވެ.

މި ދެ ކުންފުނިންވެސް ވަނީ މަސައްކަތް އަވަހަށް ނިންމައި މިނިސްޓްރީއާ ޙަވާލުކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން އަތޮޅުތެރޭގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމަށް ވަޞީލަތްތައް ޤާއިމުކޮށް ޚިދުމަތް ހަރުދަނާކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.