ޚަބަރު

އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ވެބިނާރއެއް


އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ފަރާތުން އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް އަމާޒުކޮށް ހާއްސަ ކެރިއަރ ގައިޑެންސް ވެބިނާރއެއް ބާއްވަން ނިންމައިފިއެވެ. މި ވެބިނަރގެ މައިގަނޑު މަގްސަދަކީ ޕަބްލިކް އަދި ޕްރައިވެޓް އެކައުންޓިންގް ދާއިރާއިން ކުރިޔަށް ދިޔުމުގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތުދިނުންކަމަށް އެ އިންސްޓްޓިއުޓުން ބުނެއެވެ.

މިއީ އެކައުންޓިންގް ދާއިރާއިން ކުރިޔަށް ދާން ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ލިބޭ ވަރަށް ހާއްސަ ފުރުސަތެކަމަށާއި މި ވެބިނަރގައި މަޢުލޫމާތުދެއްވާނީ އެކައުންޓިންގް ދާއިރާއިން ފާހަގަކޮށްލެވޭ ފުންނާބު އުސްބޭފުޅުންކަމަށެވެސް ސީއޭ މޯލްޑިވްސް ބުނެއެވެ. އެގޮތުން އެބޭފުޅުންނަށް މި ދާއިރާއިން ލިބިފައިހުރި ތަޖުރިބާތަކާއި، ކުރިޔަށް ދިއުމުގައި ދިމާވި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަނެ ކާމިޔާބީތައް ޙާސިލްކުރި ގޮތުގެ މައުލޫމާތުތައް ވެބިނަރގައި ހިއްސާކުރާނެކަމަށްވެސް އެ އިންސްޓްޓިއުޓުން ބުނެއެވެ.

މި ކެރިއަރ ގައިޑެންސް ޕްރޮގުރާމް ކުރިޔަށް ގެންދަނީ ރާއްޖޭގެ ހުރިހާ ސުކޫލުތައް 3 ގުރޫޕަކަށް ބަހާލައިގެންކަމަށާއި މި ސެޝަންތައް ކުރިޔަށް ގެންދިއުމަށް ރޭވިފައިވަނީ އޮންލައިންކޮށް ޒޫމް ޕްލެޓްފޯރމް މެދުވެރިކޮށް އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ބުނެއެވެ.