ކުޅިވަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020: ޒެފިޔާގެ ބަލިކޮށް ފާހި ސްޕޯޓްސް ކުރިއަށް


އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ތިންވަނަ މެޗު ފަހަތުން އަރާ އެފްސީ ޒެފިޔާ ބަލިކޮށް ފާހި ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ފާހި ސްޕޯޓްސް ކްލަބުން މިމެޗު ގެންދިޔައީ 1-2 އިން ކުރި ހޯދައިގެންނެވެ. މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު، މެޗުގެ ކުރީކޮޅުގައި އަވަސް ގޯލަކަށް އަމާޒުކޮށް ޒެފިޔާއިން ހަމަލާތައް އުފައްދަން ފެށިއެވެ. އެގޮތުން މާގިނަ އިރުތަކެއް ނުވެ، ޒެފިޔާ ޓީމުގެ މުހައްމަދު ނިހާދު ގޯލު ކާމިޔާބު ކޮށްދިނެވެ. މި ގޯލާއެކު ޒުވާން ފާހި ސްޕޯޓްސް އިން އިތުރު ހިއްވަރަކާއި އެކު އެއްވަރު ކުރުމުގެ މަސައްކަތް އިތުރު ކުރިއެވެ. ނަމަވެސް ކުރިއަށް ދިޔަ ބޯޅަތައް ނިންމާނުލެވި އުޅެނިކޮށް، މެޗުގެ 42 ވަނަ މިނެޓުގައި އެޓީމަށް ލަނޑެއް ކާމިޔާބު ކޮށްދީ ފުރަތަމަ ހާފު އެއްވަރުވެގެން ނިންމާލިއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުންވެސް މަސައްކަތް ކުރީ، ގޯލެއް ޖަހައި ހަމަހަމަ ވެފައި އޮތް ސްކޯރ ބަދަލު ކުރުމަށެވެ. ނަމަވެސް މެޗު ފެށިގެން ދެޓީމައްވެސް ހަމަލާތައް ކާމިޔާބު ނުކުރެއެވެ. މިހާފުގައި ޒެފިއާ އަށް އިތުރު ގޯލެއް ޖެހުމުގެ ފުރުސަތު ޕެނަލްޓީއަކުނ ލިބުނު ނަމަވެސް ކީޕަރު ވަނީ ބޯޅަ ސްކޯރ ހިފަހައްޓާފައެވެ. މިމެޗުގައި ދެވަނަ ގޯލު ފާހި ސްޕޯޓްސް އަށް ޖަހައިދިނީ ޓީމުގެ އަހުމަދު ޝިފާޒުއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފާހި ސްޕޯޓްސްގެ ކޯޗު އަލީ ހަނީޒް ބުނީ، ޒުވާން ޓީމަކާއެކު މުބާރާތުގައި ބައިވެރިވީ ތަޖުރިބާ ހޯދުމަށް ކަމަށާއި، އަދި ޒެފިއާ ފަދަ ވަރުގަދަ ޓީމަކާއި ވާދަކޮށް މޮޅުވުމުން ހިތްހަމަޖެހޭކަމަށެވެ.

" މިޓީމުން މުބާރާތަށް ނިކުތީ މާބޮޑު ކާމިޔާބީއެއް ހޯދުމުގެ މަޤްސަދަކު ނޫން. ނިކުތީ ކުޅުންތެރިންނަށް ތަޖުރިބާ ތަކެއް ހޯދައިދިނުމުގެ މަޤްސަދުގައި. ޒެފިޔާ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. ކުޅުނު ކުޅުންތެރިންނަށް ބަލާއިރު، މިދިޔަ އަހަރުވެސް މުބާރާތުގައި ވާދަކޮށްފައިވާ ކުޅުންތެރިންތަކެއް ތިބި ވަރުގަދަ ޓީމެއް އެޓީމަކީ. އެހެން ކަމުން މިކުދިން އެކްސްޕީރިއަންސް އާއި ކުރި މަސައްކަތައް ބަލާއިރު ޖުމްލަކޮށް ހިތްހަމަޖެހޭ. އެހެނަސް އެންމެ ބެސްޓެއް ނޫން. ބައިވަރު ކަންކަން ރަނގަޅު ކުރަން ޖެހޭ " ހަނީޒު ބުންޏެވެ.

ޒެފިއާ ޓީމުގެ ކޯޗު އަހުމަދު އަޒްމީ ބުނީ، މެޗުގެ ނަތީޖާ އެނބުރިގެން ދިޔައ ޓީމުގެ މުހިންމު ކުޅުންތެރިން އިންޖަރީގައި ތިބުމާއި ދެވަނަ ހާފުގައި ނުކުޅެވި ދިއުމުން ކަމަށެވެ.

" އަދުގެ ހާލަތު ހުރި ގޮތުން، މަޖުބޫރުވި އިންޖަރީ ކުޅުންތެރިން އަރުވަން. މެޗުގަ އެނގޭ ފުރަތަމަ ހާފުގައި ސްކޯރ ކޮށްގެން ހިފެހެއްޓިދާނެ ކަން. އެހެންނަމަވެސް ފުރަތަމަ ހާފް ނުނިމެނީސް ގޯލެއް ވަނީ ޖަހާފައި. އޭގެ ސަބަބުން ދެން ދިމާވި ވަރަށް ދަތިތައް. ޕްރެކްޓިސް މެޗުތަކުގައި ވެސް ފުރަތަމަ ހާފުގައި ގޭމް ޖެއްސޭ. އެކަމަކު ދެވަނަ ހާފުގައި އެ ގޭމް ނުޖެއްސޭ. ބާކީ ދެ މެޗުން މޮޅުވާން މަޖުބޫރު. އެހެން ނޫނީ ކުރިއަށް ނުދެވޭނެ. " އަޒްމީން ބުންޏެވެ.

މިމެޗުން ފާހި ސްޕޯޓްސް މޮޅުވުމާއި އެކު، އެޓީމަށް ވަނީ 3 ޕޮއިންޓު ލިބިފައެވެ. ނަމަވެސް ގޯލް ތަފާތުން އެޓީމަށް ގްރޫޕުގެ އެއްވަނަ ނުލިބެއެވެ. މިމުބާރާތުގައި 4 ވަނަ މެޗު މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުޅޭއިރު، އެމެޗުގައި ބައްދަލު ކުރާނީ، ގްރޫޕް ބީގެ މަރަދޫ އެފްސީ އާއި މެދުވަލު އެފްސީއެވެ.