ޚަބަރު

ބ.ގޮއިދޫގެ ރީތި ދޮންވެލިގަނޑު ދެލިން ކަޅުވެފައި


ބ.އަތޮޅު ގޮއިދޫއަށް އަންދާފައިވާ ދެލިތަކެއް ލައްގައިފިއެވެ. އެރަށު ކައުންސިލްގެ ރައީސް އަޙްމަދު އާމިރު ވިދާޅުވީ، ގޮއިދޫއަށް އަބަދުވެސް އިރުވައި މޫސުމުގައި މިކަހަލަ ތަފާތު އެއްޗެތި ލައްގާ ކަމަށާއި، އެހެން ނަމަވެސް މިހާގިނަ އަދަދަކަށް އަދި ލައްގާފައި ނުވާކަމަށެވެ.

ގޮއިދޫގެ އިރުމަތީ ފަރާތު ރީތި ދޮންވެލިގަނޑުވަނީ ލަކުޑި އެންދުމުން އުފެދޭ ފަދަ ދެލިތަކުން ކަޅުވެފައެވެ. އެރަށު ކައުންސިލުން މައުލޫމާތުދިން ގޮތުގައި، ހަތަރުހާސް ފޫޓަށްވުރެ ބޮޑު ސަރަހައްދަކަށް ދެލި ލައްގާފައިވެއެވެ.
ބައެއް ދެލިބުރިތަކުގައި އިސްކުރާއި މޮހޮރު ހުރިކަމަށާ، އަދި އެސަރަހައްދުން ނުބައި ތެޔޮވަހެއްވެސް ދުވާކަމަށް އެރަށު ކައުންސިލްގެ ރައީސް ޕީއެސްއެމްއަށް މަޢުލޫމާތުދެއްވިއެވެ.

މިއީ އިއްޔެ އަލިފާން ރޯވެ ކާށިދޫ ކަނޑަށް އަޑިއަށްދިޔަ ސަފާރީން ބޭރުވި ދެލިތަކެއް ކަމަށް ރަށުގެ ރައްޔިތުން ލަފާކުރިނަމަވެސް މިއީ އެސަފާރީ އެނދުމުން އުފެދުނު ދެލިތަކެއް ކަމަށް ނުބެލެވޭ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ގޮއިދޫ ކައުންސިލުން އަންނަނީ މިކަމުގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ޙިއްސާކުރަމުންނެވެ.