ވިޔަފާރި

މުހިއްމު ޓެކްސްތަކެއްގެ ސުންގަނޑި ހަމަވަނީ


މިމަހުގެފަހު ހަފްތާއަކީ ޓެކުހުގެ މުހިންމު ސުންގަޑިތަކެއް ހިމެނޭ ހަފްތާއެއް ކަމަށްވާތީ އެކަމަށް ސަމާލުވުމަށް ދައުލަތުގެ ޓެކްސް އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވީ މިމަހުގެ ފަހު ހަފްތާއަކީ ޓެކުހުގެ މުހިންމު ސުންގަޑިތަކެއް ހިމެނޭ ހަފްތާއެއްކަމަށެވެ. މިގޮތުން، މިމަހުގެ 28ވަނަ ދުވަހަކީ މިދިޔަ ޑިސެންބަރު އަދި މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއެވެ. އަދި، މިމަހުގެ 31 ވަނަ ދުވަހަކީ އާމްދަނީން ނަގާ ޓެކުހުގެ 2020 ވަނަ އަހަރުގެ 2 ވަނަ އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިކަމަށް މީރާއިން ހާމަކުރެއެވެ.

ވޭތުވެދިޔަ އަހަރުތަކަށް ބަލާލާއިރު، މި ފަދަ ސުންގަޑިތަކަކީ ވަރަށް ގިނަ ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށްޓަކައި މީރާއަށް ޒިޔާރަތްކުރާ ސުންގަޑިތަކެއްކަން މީރާއިން ފާހަގަކުރެއެވެ. ނަމަވެސް، މި ދުވަސްވަރު ކޯވިޑް-19ގެ ސަބަބުން އިޖުތިމާއީ ގައިދުރުކަމާއެކު ޚިދުމަތް ދެމުން ގެންދާތީ ޚިދުމަތް ދޭ ކައުންޓަރުތައް މަދުވާނެކަން ފާހަގަކޮށް، ޓެކްސް ދައްކާ ފަރާތްތަކުން އެންމެ ފަހު ވަގުތަށް މަޑު ނުކުރައްވައި ދުރާލާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާދެއްކުމަށް މީރާއިން އިލްތިމާޒްކުރެއެވެ.

މީރާއިން ވިދާޅުވީ ޖީ.އެސް.ޓީ ބަޔާނާއި އިންކަމް ޓެކްސް އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަކީ އޮންލައިކޮށް ކުރެވޭ ކަމެއް ކަމަށްވެފައި، ކޯވިޑްގެ މި ހާލަތުގައި ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުންވެސް އޮންލައިން ޚިދުމަތް ބޭނުންކުރުމަށް އިސްކަންދިނުން މުޙިއްމު ކަމަށެވެ. އަދި ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވާރުޕޭ ނުވަތަ މީރާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް ފަސޭހަ ކަމާއެކު އެކަން ކުރެވޭނެކަން މީރާއިން ފާހަގަކުރެއެވެ.