ކުޅިވަރު

ޗެލްސީގެ ކޯޗުކަމުން ލަމްޕާޑް ވަކިކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީގެ ކޯޗުކަމުން ފްރޭންކް ލެމްޕާޑް ވަކިކޮށްފިއެވެ. ލެމްޕާޑް މަޤާމުން ވަކި މިކުރީ މިސީޒަންގައި މިހާތަނަށް މާ އެދެވޭ ނަތީޖާ ތަކެއް ނެރެވެމުން ނުދާނީ ސީޒަންގެ މިހާހިސާބުން މިކަމުން އަރައިގަތުމަށްޓަކައި އިތުރު ގޮތެއް އިހްތިޔާރު ކުރުމުގެ ގޮތުން ކަމުގައި ޗެލްސީއިން ހާމަކުރެއެވެ. ލެމްޕާޑްގެ ކޯޗުކަމުގެ ދަށުން ޗެލްސީ ކުޅުނު ފަހު މެޗަށް ވެގެން މިދިޔައީ މިދިޔަ އާދިއްތަ ދުވަހު އިނގިރޭސި އެފް. އޭ. ކަޕްގައި ލޫޓަންއާ ބައްދަލުކޮށް މޮޅުވިމެޗެވެ.

ޗެލްސީގެ ކޯޗު ކަމުގައި ލެމްޕާޑަށް ހުރެވޭވަރުމިވީ 18 މަސް ދުވަސް ވަންދެނެވެ. މިދިޔަ ސީޒަންގައި ޗެލްސީގެ ކޯޗު ކަމާ ހަވާލުވިއިރު ކްލަބަށް އަޅާފައިވާ ފިޔަވަޅު ތަކާއެކު އާ ކުޅުންތެރިއެއް ޓީމަށް ނުގެނެސް ޓީމުގައި ތިބި ކުޅުންތެރިންނާއެކު ކުޅެ ރަނގަޅު ނަތީޖާތަކެއް ލަމްޕާޑްވަނީ އެޓީމަށް ހޯދާދީފައެވެ. މިގޮތުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްދިން އިރު އެފް. އޭ. ކަޕްގެ ފައިނަލުން ޗެލްސީ ޖާގަހޯދިއެވެ. އަދި މިސީޒަނަށް ގިނަ ކުޅުންތެރިން ގެނެސް ޓީމް ވަރުގަދަ ކުރުމުން މިފަހަރު ލީގަށް ވާދަކުރާ ޓީމްތަކުގެ ލިސްޓަށް ޗެލްސީ އެންމެ ކުރީ ސަފުގައި ގުނާލެވޭނެ ކަމަށް ބެލެވުނެވެ. އަދި ޑިސެމްބަރު މަހުގެ ކުރީކޮޅު ލީޑްސް ޔުނައިޓެޑާއި ބައްދަލުކުރިމެޗުން މޮޅުވުމުން ތާވަލްގެ އެއްވަނައަށްވެސް ޗެލްސީއެރިއެވެ. ނަމަވެސް އެންމެ ފަހުން ލީގުގައި އެޓީމް ކުޅުނު 8 މެޗްގެ ތެރެއިން ފަސް މެޗުންވަނީ ބަލިވެފައެވެ.

ޗެލްސީގެ ކޯޗުކަމުން ލެމްޕާޑް ވަކިކުރިކަން ހާމަކުރުމުގެ ގޮތުން އެކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުން މިއީ ކްލަބްގެ އޯނަރާއި ބޮޑަށްވެސް ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ކަމަށެވެ. އަދި ޗެލްސީގެ ކޯޗުކަމުގައި ލެމްޕާޑް ހޯދާދީފައިވާ ކާމިޔާބީ ވަރަށް އުފަލާއެކު ކްލަބުން ބަލައިގަންނަކަމުގައިވެސް ހާމަކޮށްފައިވެއެވެ. ނަމަވެސް ފަހަކަށް އައިސް ޗެލްސީ ޓީމުން ހޯދަމުންދާ ނަތީޖާ ތަކާއި ދައްކަމުންދާ ކުޅުމަކީ ކްލަބުން ހިތްހަމަ ޖެހޭވަރުގެ ކުޅުމަކަށް ނުވުމުގެ އިތުރުން ޕޮއިންޓް ތާވަލްގެ މެދުތެރެއަށް ވެއްޓިފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ޗެލްސީގެ ތާރީހްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމުގައިވާ ލެމްޕާޑް ފަދަ ޝަހްސިއްޔަތަކާއި ވަކިވާކަށް ރަގަޅު އެއްވެސް ވަގުތެއް ނޯންނާނެކަމަށާއި ނަމަވެސް ކްލަބްގެ ލީޑަރޝިޕުން ވަރަށް ފުންކޮށް ވިސްނުމަށްފަހު މިވަގުތަށް އެންމެ ރަގަޅު ވާނީ ބަދަލެއް ގެނައުން ކަމުގައި ނިންމީ ކަމަށް ބަޔާނުގައިވެއެވެ.
ޗެލްސީގެ ވެރިޔާ ރަޝިޔާގެ ރޯމަން އަބްރަމޮވިޗް ހާމަކުރިގޮތުގައި ޗެލްސީގެ ކޯޗުކަމުގެ މަޤާމުން ލެމްޕާޑް ވަކިކުރަން ޖެހުނު ކަމުގައިވީ ނަމަވެސް އެ ކްލަބްގައި ލެމްޕާޑަށް ދެވިފައިވާ ހާއްސަ ޖާގަޔަށް އެއްވެސް ގުޑުމެއް ނާރާނެއެވެ. ލެންޕާޑަކީ ޗެލްސީއަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. 2001 ވަނަ އަހަރުން 2014 ވަނަ އަހަރުގެ ނިޔަލަށް އޭނާ ޗެލްސީގައި ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި 13 އަހަރުގައި ލެމްޕާޑްވަނީ އެޓީމަށް 648 މެޗް ކުޅެދީ 11 ތަށި ހޯދުމަށް އެހީތެރިވެދީފައެވެ.