ކުޅިވަރު

ސޭމް އެލަޑައިސްއަކީ ވަރަށް މޮޅު ކޯޗެއް ކަމުގައި ގާޑިއޯލާ ހާމަކޮށްފި


ވެސްޓް ބްރޮމްވިޗް އެލްބިއަންގެ ކޯޗު ސޭމް އެލަޑައިސްއަކީ ވަރަށް މޮޅު ތަޖްރިބާކާރު ކޯޗެއް ކަމުގައި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.

ގާޑިއޯލާ މިކަން ހާމަކުރީ އިންގްލިޝް ޕްރިމިއަރ ލީގުގައި މިރޭ މިދެޓީމް ބައްދަލުކުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި ވާހަކަ ދައްކަމުންނެވެ. އާންމުކޮށް ހާލުގައި އުޅޭ އަދި ރެލިގޭޝަންއާ ކުރިމަތިވެފައިވާ ޓީމްތައް ސަލާމަތްކޮށްދިނުމަށް މަޝްހޫރުވެފައިވާ އެލަޑައިސްއަށް އެކަން އެކުރެވެނީ އޭނާ އެކަމަށް މޮޅުވީމާ ކަމަށް ގާޑިއޯލާ ހާމަކުރިއެވެ. ތާވަލްގެ 19 ވަނައިގާ އުޅޭ ވެސްޓް ބްރޮމްވިޗް ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދީ އެލަޑައިސްގެ ރިކޯޑް ދެމެހެއްޓުމަށްޓަކައި އޭނާ އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެލަޑައިސް މީގެ ކުރިން ވަނީ ސަންޑަރލަންޑާއި ބްލެކްބަރން ރޯވަރސް ރެލިގޭޓް ވުމުން ސަލާމަތް ކޮށްދީފައެވެ.

ގާޑިއޯލާ ހާމަކުރިގޮތުގައި އެންމެން އުންމީދު ދޫކޮށްލާ މެޗްތަކުން ނަތީޖާ ނެރެން އެލަޑައިސްއަށް އިނގެއެވެ. އަދި ވުލްވަރހެމްޓަން ވޮންޑަރސް އާ ބައްދަލުކުރިމެޗް ކާމިޔާބު ކުރުމުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އާ އެއްވަރު ކޮށްލުމުން އެލަޑައިސްގެ ރޭވުންތެރިކަން ފާހަގަވެގެން ދެއެވެ. އެލަޑައިސް ވެސްޓް ބްރޮމްއާ ހަވާލުވިފަހުން އެޓީމްގެ ކުޅުން ރަގަޅު ވީ ނަމަވެސް އެންމެފަހުން ކުޅުނު ހަތް މެޗްގެތެރެއިން މޮޅު ވެފައިވަނީ އެންމެ މެޗަކުންނެވެ. ސީޒަނެއް ފެށޭފަހުން ޓީމަކާ ހަވާލުވެ މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް އެލަޑައިސް އެކަން ކޮށް ޓީމަށް ގެނެސްފައިވާ ކުރިއެރުމަށް ތައުރީފް ހައްގުކަމުގައި ސިޓީގެ ކޯޗު ހާމަކުރިއެވެ.

މީގެއިތުރުން ސަރޖިއޯ އަގުއެރޯ އެނބުރި އަންނާނީ ކޮން އިރަކުންކަމެއް ނޭނގޭ ކަމަށާއި ނަމަވެސް އޭނާ އެނބުރި އައިސް މިސީޒަންގައި އަދިވެސް އެޓީމަށް މުހިންމު ދައުރެއް އަދާ ކުރާނެކަމަށް އުންމީދު ކުރާކަމަށް ގާޑިއޯލާ ހާމަކުރެއެވެ. އަނިޔާ އާއި ކޮރޯނާ ވައިރަހުގެ ސަބަބުން ސީޒަންގެ ބޮޑުބައި ކުޅުމާއި ދުރުގައި ހޭދަކުރަން ޖެހިފައިވާ އަގުއެރޯ މިހާރު އަންނަނީ ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވުމުން ގޭގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުންނެވެ.

މެންޗެސްޓަރ ސިޓީއާއި ވެސްޓް ބްރޮމްވިޗް އެލްބިއަން މިރޭ ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރު އެއްގަޑި ފަނަރައިގައެވެ.