ޚަބަރު

ދެކުނަށް މޫސުން ގޯސް ސަމާލުވޭ


ރާއްޖޭގެ ދެކުނަށް ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެއިދާރާއިން ވިދާޅުވީ ދެކުނުގެ ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ހެނދުނު 0830 ން ފެށިގެން މެންދުރު 1400އާ ހަމައަށް ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލަރޓް ނެރެފައެވެ. ދެކުނުގެ މޫސުން ގޯސްވިނަމަވެސް އެހެން ހިސާބުތަކުގެ މޫސުން ޢާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ވިލާގަނޑުގަ ދެކުނުގެ ސަރަޙައްދުތަކަށް ގާތްގަނޑަކަށް ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ. އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރާއިރު ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވީނަމަވެސް ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.

ރާއްޖޭގެ ކަނޑުތަކުގަ ރާޅުގެ އުސްމިން ހުންނާނީ ގާތްގަނޑަކަށް ދެފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނުގައެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމަކަށްވާތީ މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.