ދުނިޔޭގެ ވިޔަފާރި

ސޮވެރިން ފަންޑު 1 ޓްރިލިއަނަށް އިތުރުކުރާނަން: ވަލީއަހުދު

2025ވަނަ އަހަރުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގައި ހުރި ހަރު މުދާގެ ޢަދަދު ހަތަރު ޓްރިލިއަން ރިޔާލު ނުވަތަ 1.07 ޓްރިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރާނެކަމަށް އެ ޤައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ. ސަޢުދީ ޢަރަބިއްޔާއިން އެގޮތަށް އަމަލުކޮށްފިނަމަ އެ ޤައުމުގެ ސޮވެރެއިން ފަންޑުވެގެންދާނީ ދުނިޔޭގެ އެފަދަ އެންމެ ބޮޑު ފަންޑަށެވެ.

ޕަބްލިކް އިންވެސްޓްމަންޓް ފަންޑާއި ގުޅޭގޮތުން އަލަށް އެކުލަވާލާފައިވާ ފަސް އަހަރުގެ ރޭވުންތަކުގެ ސަބަބުން ސަޢުދީ ޢަރަބިއްޔާގެ އެ ފަންޑަކީ އެ ޤައުމުގެ އިޤްތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ރޭވުންތަކެއްކަމަށް ވަކީ އަހުދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ތިން ޓްރިލިއަން ރިޔާލު އިންވެސްޓު ކުރާނެކަމަށެވެ.

ސަޢުދީ ޢަރަބިއްޔާގެ އިޤްތިޞާދު ކުރިއެރުވުމުގެ ރޭވުންތަކުގެ މައި ގުނަވަނަކަށް އެ ޤައުމުގެ ޕަބްލިކް އިންވެސްޓްމަންޓު ފަންޑު، ޕީއައިއެފު ހެދުމަށް ވަލީއަހުދު ސަލްމާން މަސައްކަތްކުރައްވާތާ ގިނަ ދުވަސްތަކެއްވަނީ ވެފައެވެ. އެމަނިކުފާނުގެ އެއް އަމާޒަކީ އެ ޤައުމުގެ އިޤްތިޞާދު ތެލުގެ ވިޔަފާރީގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. އެ ޤައުމަށް ލިބޭ އާމްދަނީގެ ދެބައި ކުޅަ އެއްބަޔަށްވުރެ އިތުރު މިންވަރެއް މިހާރުވެސް ޙިއްޞާކުރަނީ ތެލުގެ އެކްސްޕޯޓުންއެވެ.

އަބޫ ދާބީ ކޮމާޝަލް ބެންކުގެ އިޤްތިޞާދީ މާހިރެއްކަމަށްވާ މޮނިކާ މާލިކު ވިދާޅުވީ ސަޢުދީ ޢަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑަށް އިންވެސްޓުކުރާ މިންވަރު އިތުރުކުރާނެކަމަށް ސަޢުދީ ޢަރަބިއްޔާއިން ކޮށްފައިވާ އިޢުލާނުން ދޭހަކޮށްދެނީ އެ ޤައުމަށް ކުރިއަށް އޮތްތަނުގައި އަންނާނެ ތަރައްޤީއަކީ އެ ފަންޑުގެ ޒަރިއްޔާއިން އަންނާނެ ތަރައްޤީކަމެވެ.

2018ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސިއުލޭޓުގައި ސަޢުދީގެ ނޫސްވެރިޔާ، ޖަމާލް ޚާޝޫޤްޖީ މަރާލުމާއި ގުޅިގެން ސަޢުދީ ޢަރަބިއްޔާއަށް ލިބެމުންދިޔަ ބޭރުގެ އިންވެސްޓުމަންޓުތަކަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެއަށްފަހު ތެލުގެ އަގު ދަށްވުމުގެ ސަބަބުންނާއި ކޯވިޑް ބަލިމަޑުކަމުގެ ސަބަބުންވެސް އެ ޤައުމުގެ އިޤްތިޞާދަށްވަނީ ނޭދެވޭ ގިނަ އަސަރުތަކެއްކޮށްފައެވެ.

ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވީ، 2015ވަނަ އަހަރުގައި ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގައި 150 ބިލިއަން ރިޔާލުގައި ހުއްޓާ 2020ވަނަ އަހަރުގެ ތެރޭގައި އެ ޢަދަދު 1.5 ޓްރިލިއަން ރިޔާލަށް އިތުރުކޮށްފައިވާކަމަށެވެ. އެއާއިއެކު 2030ވަނަ އަހަރުގެ ކުރިން އެ ފަންޑުގައި ހުރި ފައިސާގެ ޢަދަދު 7.5 ޓްރިލިއަން ރިޔާލަށްވުރެ އިތުރުކުރެވޭނެކަމަށް ޤަބޫލުކުރައްވާކަމަށް ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.

ކުރިއަށްއޮތް ފަސް އަހަރު ދުވަހަށް އަމާޒުކޮށް އެކުލަވާލާފައިވާ ރޭވުންތަކުގެ ސަބަބުން 2025ވަނަ އަހަރު އަންނަންވާއިރަށް ސީދާ އަދި ނުސީދާ ގޮތުން 1.8 މިލިއަން ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް ވަލީއަހުދު ވިދާޅުވިއެވެ. 2020ވަނަ އަހަރުގެ ތިންވަނަ ކުއާޓާ ނިމުނުއިރު އެ ޢަދަދުހުރީ 331،000 ގައެވެ.

ވަލީއަހުދު ވިދާޅުވީ އިޤްތިޞާދު ރަނގަޅުކުރުމުގެ ގޮތުން 2025ވަނަ އަހަރާއި ހަމައަށް ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން އާންމު އިޤްތިޞާދަށް ކޮންމެ އަހަރަކު 150 ބިލިއަން ރިޔާލު އިންޖެކްޓު ކުރާނެއެވެ. އަދި ތެލުގެ ވިފަރާރިއާއި ނުލާ ހިސާބުކުރާ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުކުރުމަށް 2025ވަނަ އަހަރު ނިމުމުގެ ކުރިން 1.2 ޓްރިލިއަން ރިޔާލު ޕަބްލިކް އިންވެސްޓްމަންޓް ފަންޑާއި އެ ފަންޑާއި ގުޅުންހުރި ކުންފުނިތަކުން ޚަރަދުކުރާނެކަމަށް ވަލީއަހުދު ވިދާޅުވިއެވެ.

އަލްރަޖްހީ ކެޕިޓަލްގެ ދިރާސާކުރުމުގެ އިސްވެރިޔާ، މާޒިން އަލްސުދައިރީ ވިދާޅުވީ ތެލުގެ އަގަށް ބޮޑެތި ބަދަލުތައް އަންނަމުންދާ ދުވަސްވަރެއްގައި ޤައުމުގެ އިޤްތިޞާދަށް ވާގިވެރިވުމަށް ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ޢަދާކުރާ ދައުރު ވަރަށް މުހިންމުވާނެކަމަށެވެ. އޭގެ ސަބަބުން ފައިސާ ރައްކާކުރާ މިންވަރު އިތުރުކުރެވި، މަޝްރޫޢުތަކަށް ލިބޭ އިންވެސްޓުމަންޓުތައް އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

2015ވަނަ އަހަރުން ފެށިގެން ސަޢުދީ ޢަރަބިއްޔާގެ އިންވެސްޓުމަންޓުތަކުގައި ޕަބްލިކް އިންވެސްޓްމަންޓް ފަންޑުންދަނީ މުހިންމު ދައުރެއް ޢަދާކުރަމުންނެވެ. އެގޮތުން ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ވަނީ އޫބާ ޓެކްނޮލޮޖީގެ 3.5 ބިލިއަން އެމެރިކާ ޑޮލަރުގެ ޙިއްޞާ ހޯދައި، ސޮފްޓްބޭންކުގެ 100 ބިލިއަން އެމެރިކާ ޑޮލަރުގެ ޓެކްނޮލޮޖީ ފަންޑަށް 45 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކޮށްފައެވެ.