ދީން

3 ޙަރަމަށްކުރާ އުމްރާ ދަތުރު ނުކުރުމަށް މިނިސްޓްރީން އެދިއްޖެ


ރާއްޖެއިން ޢުމްރާއަށް މީހުން
ގެންދާ ގްރޫޕްތަކުން ފަލަސްތީނަށް ޒިޔާރަތްކުރާ ގޮތަށް ތިން ޙަރަމަށް ކުރާ ޢުމްރާ
ދަތުރުތައް ކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ، ޢުމްރާ ދަތުރުތައް މި ދުވަސްވަރު
ނުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.



އިސްލާމިކް މިނިސްޓްރީން
ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިދުވަސްވަރަކީ އަލްމަސްޖިދުލް އަޤްސާ އެ
ބިމެއްގައި ހުންނަ، ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ހަރުކަށި ލާއިންސާނީ
އަމަލުތައް އިތުރުކުރުމުގެ ސަބަބުން އެބިމުގައި ނުތަނަވަސްކަން ވެރިފައިވާ
ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން ދިވެހި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދާ
ގްރޫޕްތަކުން ފަލަސްތީނަށް ޒިޔާރަތްކުރާ ގޮތަށް ތިން ޙަރަމަށް ކުރާ ޢުމްރާ
ދަތުރުތައް ކުރުމަކީ ރައްކާތެރިކަމަށް ނުވާތީ ތިން ޙަރަމް ހިމެނޭ ގޮތަށް ޢުމްރާ
ދަތުރުތައް މިދުވަސްވަރު ނުކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ޕަބްލިކް ސަރވިސް މީޑިޔާ،
ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޕާރމަނަންޓް
ސެކެޓްރީ މުޙައްމަދު ދީދީ ވިދާޅުވީ، ބައެއް ޢުމްރާ ގްރޫޕްތަކުން ތިން
ޙަރަމް ހިމެނޭ ގޮތަށް ޢުމްރާއަށް ގެންސްގޮސްދިނުމަށް އިއުލާންކުރަމުން ގެންދާކަން ކަމަށާއި، ނަމަވެސް މިދުވަސްވަރު ތިން ޙަރަމަށް ކުރާ ޢުމްރާ
ދަތުރުނުކުރެއްވުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ތިން ޙަރަމަށް ހިމެނޭ ގޮތަށް
ޢުމްރާއަށް ކުރާ ދަތުރުގައި މަދީނާ، މައްކާ އަދި ފަލަސްތީނުގެ
އަޤްސާ މިސްކިތަށް ޒިޔާރްކުރުމަށް ހަމަޖެހިފައިވެއެވެ.