ވިޔަފާރި

ދިވެހި މަސައްކަތްތެރިންނަށް ވޯލްޑް ބޭންކުން އިތުރު 21.6 މިލިއަން ޑޮލަރު


ކޯވިޑް19 އާއި ގުޅިގެން އަސަރުކޮށްފައިވާ ރާއްޖޭގެ މަސައްކަތްތެރިންނަށް އިތުރު 21.6 މިލިއަން ޑޮލަރު ދިނުމަށް ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.

މި ފައިސާ ހަރަދުކުރާނީ 'ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ފުޅާކުރުމަށްކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

ކޯވިޑް19 އިން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތައް އެހީވުމަށް ވޯލްޑް ބޭންކުން އިތުރު 21.6 މިލިއަން ޑޮލަރު ދިނުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާއިރު މި ފައިސާ މެދުވެރިކޮށް އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ މަގުން ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައިވެސް ވޯލްޑް ބޭންކުން ވަނީ ކޯވިޑް19 އިން އަރައިގަތުމަށް ރާއްޖެއަށް 12.8 މިލިއަން ޑޮލަރުގެ އެހީތެރިކަން ދީފައެވެ.

މިކަމާއި ގުޅޭގޮތުން ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، އެ ބޭންކުން އިތުރު ފައިސާއާއެކު ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ފުޅާކުރުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އަސާސީ ޚަރަދުތައް ފޫބެއްދުމަށް ބޭނުންވާ ވަރުގެ އާމްދަނީއެއް ލިބުމަށް އެހީއަކަށް ވެގެންދާނެކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކާއި ދިވެހިރާއްޖޭގައިވެސް ވައިރަސް ފެތުރިފައިވާ މިންވަރުގެ ސަބަބުން، ފިނިމޫސުމުގެ ފަތުރުވެރިކަމުގެ ހައި ސީޒަންގައިވެސް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވާނެ ކަމަށް ހޮޓާތަކާއި ރިސޯޓްތަކުން އަންދާޒާކުރޭ. ބައެއް ތަންތަން ބަންދުކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސައްކަތްތެރިން ތިބީ މުސާރަ ނުލިބޭ ގޮތަށް ނުވަތަ ކުޑަ މުސާރައަކާ އެކު ޗުއްޓީގައި އަދި ބައެއް ފަރާތްތަކުގެ ވަޒީފާ ވަނީ ގެއްލިފައި. އިތުރު ފައިސާއާއެކު ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ފުޅާކުރުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އަސާސީ ޚަރަދުތައް ފޫބެއްދުމަށް ބޭނުންވާ ވަރުގެ އާމްދަނީއެއް ލިބުމަށް އެހީއަކަށްވެގެންދާނެ." ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.

'ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ފެށިގެން މިހާތަނަށް އައިއިރު، ހާލުގައި ޖެހިފައިވާ މަސައްކަތްތެރިންނަށް ވަނީ މާލީގޮތުން ބޮޑުއެހީއެއް ފޯރުކޮށްދީފައެވެ. އެގޮތުން، މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް، ކޯވިޑް-19 ގެ ކާރިޡާގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ސަތާރަ ހާހެއްހާ މަސައްކަތްތެރިންނަށް ގާތްގަނޑަކަށް 10.3 މިލިއަން ޑޮލަރު ވަނީ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ދީފައެވެ.

'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ކުރިއަށް ގެންދަނީ، ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިންނެވެ. މި މަޝްރޫއަށް އިތުރަށް ހަރަދުކުރުމަށް ފާސްކޮށްފައިވަނީ ޖުމްލަ 21.6 މިލިއަން ޑޮލަރެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ވާލްޑް ބޭންކުން ވަނީ މިދިޔަ އޭޕްރީލް މަހު ދިވެހިރާއްޖެ އަށް ފޯރުކޮށްދީފައެވެ. މި މަޝްރޫއުގެ އިތުރުން، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާއި، 952،000 ޑޮލަރުގެ ޕެންޑެމިކް އިމަޖެންސީ ފެސިލިޓީއެއްވެސް ދިވެހިރާއްޖެ އަށް ވަނީ ހަމަޖައްސައިދެވިފައެވެ. ޖުމްލަ 148 މިލިއަން ޑޮލަރުގެ އަގުހުރި 10 މަޝްރޫއެއް ވާލްޑް ބޭންކުން މިވަގުތު ރާއްޖޭގައި ހިންގައެވެ.