ވިޔަފާރި

އަހަރުގެ ފުރަތަމަ 24 ދުވަހު ރާއްޖެއަށް 70000 އަށްވުރެ ގިނަ ފަތުރުވެރިން


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 70،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 70،612 ފަތުރުވެރިންނެވެ. އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެ 2942 ފަތުރުވެރިން އާދެއެވެ.

މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް އައިސްފައިވަނީ 4195 ފަތުރުވެރިންނެވެ. އެންމެ މަދުން ފަތުރުވެރިން އައި ދުވަހުވެސް ރާއްޖެއަށް 1872 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 16،655 އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އެއީ 13،935 ފަތުރުވެރިންނެވެ. 5749 ފަތުރުވެރިންނާއިއެކު 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޔޫކްރެއިނުންނެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދިނުމަށް މިހާތަނަށް 599 ތަނެއް ވަނީ ހުޅުވާފައެވެ. މީގެތެރޭގައި ހިމެނެނީ 142 ރިސޯޓް އަދި މެރީނާއާއި، 11 ހޮޓެލްއާއި، 134 ސަފާރީގެ އިތުރުން 312 ގެސްޓްހައުސްއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދުވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ޖުލައިމަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިހާތަނަށް ބައިނަލްއަޤްވާމީ 27 އެއަރލައިންއަކުން އަންނަނީ ދަތުރުކުރަމުންނެވެ.