ޚަބަރު

ވެކްސިން ދިނުމުގައި ޓްރަމްޕުގެ ސަރުކާރުން ރޭވުމެއް ނުގެންގުޅޭ: ވައިޓްހައުސް


އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ކޯވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތްކުރުމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ހަރުދަނާ އިންތިޒާމްތައް ހަމަޖައްސާފައިނުވާކަމަށް ވައިޓު ހައުސުން ބުނެފިއެވެ.

އެމެރިކާގައި މިހާތަނަށް 25.7 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 429،490 މީހުން އެ ބަލީގައި މަރުވެފައިވާއިރު އެ ޤައުމު އޮތީ ބަލިމަޑުކަމުގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ ޤައުމުގެ ގޮތުގައެވެ. ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި އެމެރިކާގެ ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ޖޯ ބައިޑަންވަނީ ކޯވިޑް-19އާއި ދެކޮޅަށް ސަރުކާރުގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން ވެކްސިން ދިނުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށާއި ކޯވިޑް-19އާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށް މިދިޔަ ހަފުތާގެ ތެރޭގައި އެމަނިކުފާނުވަނީ ގިނަ ރިޔާސީ އަމުރުތަކެއްގައި ސޮއިކުރައްވާފައެވެ.

ރައީސް ޖޯ ބައިޑަންގެ ޗީފް އޮފް ސްޓާފް ރޮން ކްލެއިން ވިދާޅުވީ މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކަށްފަދަ ތަންތަނަށް ނޫން ތަންތަނަށް ވެކްސިން ފޯރުކޮށްދިނުމަށް ރައީސް ޓްރަމްޕުގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. ކްލެއިން ވިދާޅުވީ އެކި ސަރަޙައްދުތަކަށް ވެކްސިންގެ ޑޯޒްތައް މިލިއަނުން ގެންގޮސްފައިވާނަމަވެސް އެ ވެކްސިންތަކުގެ ތެރެއިން މިހާތަނަށް އާންމުންނަށް ދީފައިވަނީ ދެބައިކުޅަ އެއްބައިކަމަށެވެ. ވެކްސިން މަޝްރޫޢުގެ އެންމެ އުނދަގޫ މަސައްކަތަކީ އާންމުންނަށް ވެކްސިން ދިނުންކަމަށާއި އެ މަސައްކަތުގައި އެމެރިކާ އޮތީ ވަރަށް ފަހަތުގައިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ބައިޑަންގެ ސަރުކާރުގެ އަމާޒަކީ އާންމުންނަށް ވެކްސިންދޭ މިންވަރު އިތުރުކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

ވެކްސިންދޭ މިންވަރު އިތުރުކުރުމަށް ރައީސް ބައިޑަން ބޭނުންކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތަކީ އެކި ސްޓޭޓުތަކުގެ ސަރުކާއިތަކާއި ގުޅިގެން ޤައުމުގެ ހުރިހާ ސްޓޭޓެއްގެ އެކި ސަރަޙައްދުތަކުގައި ވެކްސިންދޭ މަރުކަޒުތައް ޤާއިމްކުރުމެވެ. އޭގެ އިތުރުން ވެކްސިންދޭ މިންވަރު އިތުރުކުރުމަށް ޤައުމުގެ އެކި ސަރަޙައްދުތަކަށް އެތައް ހާސް ކްލިނިކަލް މުވައްޒަފުންނާއި އަސްކަރީ ޑޮކްޓަރުންނާއި ނަރުހުން ފޮނުވުމަށްވެސް އައު ސަރުކާރުންވަނީ ނިންމާފައެވެ.