ޚަބަރު

ޗައިނާއާއި ޓައިވާނާއި ދެމެދު އޮންނަ ނުތަނަވަސްކަން އިތުރުވެއްޖެ


ޗައިނާއާއި ޓައިވާނާއި ދެމެދު އޮންނަ ނުތަނަވަސްކަން އިތުރުވެއްޖެއެވެ.

ޖަނަވަރީ މަހުގެ 24ވަނަ ދުވަހުގައި 12 ފައިޓާ ޖެޓު ހިމެނޭގޮތަށް ޗައިނާގެ ވައިގެ އަސްކަރިއްޔާގެ މަތިންދާބޯޓުތަކެއްވަނީ ޓައިވާނުގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯންގެ ތެރެއަށް ވަދެފައެވެ. އޭގެ ކުރީ ދުވަހުވެސް ޗައިނާގެ އަސްކަރީ އުޅަނދުތަކެއްވަނީ އެ ސަރަޙައްދުގެ ތެރެއަށް ވަދެފައެވެ.

ޗައިނާއިން ޤަބޫލުކުރާގޮތުގައި އަމިއްލަ ޑިމޮކްރަޓިކް ވެރިކަމެއް އޮންނަ ޓައިވާނަކީ ޗައިނާގެ ބައެކެވެ. ފާއިތުވި މަސްތަކުގައި ޗައިނާއިންވަނީ އެ ސަރަޙައްދުގައި އެ ޤައުމުގެ އަސްކަރީ ޙަރަކާތްތައް އިތުރުކޮށްފައެވެ. ނަމަވެސް ފާއިތުވި ހަފުތާ ބަންދުގެ ތެރޭގައި ޗައިނާއިންވަނީ ޓައިވާން ސަރަޙައްދުގައި ޙަރަކާތްތެރިވާ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. މީގެ ކުރިން ޗައިނާއިން ފޮނުވާފައިވަނީ ދިރާސާކުރާ ފުލައިޓުތައް ނަމަވެސް މިފަހަރު ފޮނުވާފައިވަނީ ފައިޓާ ޖެޓުތަކާއި ބޮން އަޅައި ޖެޓުތަކެވެ.

ޓައިވާނުން ބުނީ ޖަނަވަރީ މަހުގެ 23ވަނަ ދުވަހުގައި ޗައިނާގެ އަށް ބޮން އަޅާއި މަތިންދާ ބޯޓާއި ހަތަރު ފައިޓާ ޖެޓު މެއިންލޭންޑު ޓައިވާނާއި ޓައިވާނުގެ ބާރުގެ ދަށުގައި އޮންނަ ޕްރަޓާސް އައިލޭންޑްސްއާއި ދެމެދު އޮންނަ ޓައިވާނުގެ ދިފާޢީ ޒޯނުތެރެއަށް ވަދެފައިވާކަމަށެވެ. ޖަނަވަރީ މަހުގެ 24ވަނަ ދުވަހުގައި ހަމަ އެ ސަރަޙައްދަށް ޗައިނާގެ 15 އިތުރު މަތިންދާ ބޯޓު ވަދެފައިވާކަމަށްވެސް ޓައިވާނުން ބުންޏެވެ. އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނީ ޗައިނާއިން ފޮނުވާފައިވާ އުޅަނދުތަކުގެ ތެރޭގައި ހަ ޖޭ-10 ފައިޓަރާއި 16 ޖޭ-16 ފައިޓަރާއި ދެ އެސްޔޫ-30 އާއި ވައި-8 ޖާސޫސީ ފުލައިޓަކާއި ދެ ވައި-8 އެންޓި ސަބްމެރިން މަތިންދާބޯޓު ހިމެނޭކަމަށެވެ. އެ މަތިންދާބޯޓުތައް ޗައިނާއިން ފޮނުވުމާއި ގުޅިގެން ޓައިވާނުގެ ވައިގެ އަސްކަރިއްޔާ އެ ސަރަޙައްދަށް ފޮނުވާފައިވާކަމަށްވެސް ޓައިވާނުގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. ނުރައްކަލުގެ ޙާލަތުގައި ޢަމަލުކުރަންވީ ގޮތް ވައިގެ އަސްކަރިއްޔާއަށް މިހާރު އަންގާފައިވާކަމަށާއި، ރޭޑިޔޯ އިންޒާރުތައްދީ އެއާ ޑިފެންސު މިސައިލް ސިސްޓަމްތައް ތައްޔާރީ ޙާލަތުގައި ހުރިކަމަށްވެސް ޓައިވާނުން ބުންޏެވެ.

ޓައިވާނުގެ ވާހަކަތަކާއި ގުޅޭގޮތުން ޗައިނާއިން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ. ޗައިނާއިން މީގެ ކުރިންވަނީ އެ ޤައުމުން ޓައިވާނުގެ ސަރަޙައްދުގައި ހިންގާ ޙަރަކާތްތަކަކީ ޤައުމުގެ އިސްތިގުލާލު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކެއްކަމަށާއި އެފަދަ ޙަރަކާތްތަކުގެ ބޭނުމަކީ ޗައިނާއާއި ދެކޮޅަށް ޓައިވާނާއި އެމެރިކާއިން ގުޅިގެން އެއްވެސް ޙަރަކާތެއް ނުހިންގުމަށް ދޭ އިންޒާރެއްކަމަށް ބުނެފައެވެ.

ޗައިނާގެ ޢަމަލުތަކުގެ ސަބަބުން ޗައިނާއާއި ޓައިވާނާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއިމެދު އެމެރިކާއިން ކަންބޮޑުވާ މިންވަރު އިތުރުވާނެކަމަށް ބެލެވެއެވެ. އެމެރިކާއިންވަނީ ޓައިވާނަށް ފިއްތުންތައް ކުރިމަތިކުރުން ހުއްޓާލުމަށް ޗައިނާއަށް ގޮވާލައިފައވެ. އަދި ޓައިވާނާއިއެކު ގުޅުން ބަދަހިކުރާނެކަމަށް ބުނެފައެވެ. ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި އެމެރިކާގެ ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި އެ ޤައުމުގެ އައު ރައީސް، ޖޯ ބައިޑަންގެ ސަރުކާރުންވަނީ އެމެރިކާއާއި ޓައިވާނާއި ދެމެދު އޮތް ގުޅުމަކީ ވަރުގަދަ ގުޅުމެއްކަމަށް ބުނެފައެވެ.

ޓައިވާނާއިއެކު އެމެރިކާއިން ރަސްމީ ޚާރިޖީ ގުޅުން ޤާއިމްކޮށްފައި ނުވާނަމަވެސް ޓައިވާނަށް އަމިއްލަ ޤައުމު ދިފާޢުކުރެވޭނެ ވަޞީލަތްތައް ހޯދައިދިނުމަށް އެމެރިކާގެ ޤާނޫނު ލާޒިމްކުރެއެވެ.