ޚަބަރު

އެމްޑަބްލިޔުއެސްސީން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ތާރަފްކޮށްފި


މުޖުތަމައުގައި ވަޒީފާ ނުލިބިތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަށް، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ތާރަފްކޮށް އެޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުުޅުވާލައިފިއެވެ.ގްރޭޑް އަށެއްގެ ފެންވަރު ހުންނަ  އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒްކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމާއި ގުޅޭ ގޮތުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ތަމްރީނުކުރެވޭނީ އެކުންފުނީގެ ކަސްޓމަރ ސަރވިސް ޑިވިޝަނަށް ޚާއްސަ މުވައްޒަފުންތަކެއްކަމަށާއި، ތަމްރީނުދެވޭ ކުދިން ގެ ތެރެއިން ހޮވާލެވޭ 20 ކުއްޖަކަށް އެމް.ޑަބްލިޔު.އެސް.ސީގެ ދާއިމީ ވަޒީފާ ލިބިގެންދާނެކަމަށެވެ."މި ޕްރޮގްރާމްގެ ދަށުން ސިލެކްޓްވާ 20 ވަރަކަށް ކުދިންނަށް އަޅުގަނޑުމެން ވަޒީފާގެ ފުރުސަތު ދޭނަން، އަންނަ އަހަރު މިކުދިންގެ ޕްރޮގްރާމް ނިމިގެންދާނީ" ފަޒުލް ވިދާޅުވިއެވެ.ކަސްޓަމަރ ސަރވިސްގެ ތަމްރީނާއި، ފީލްޑް މަސައްކަތުގެ އިތުރުން ޓެކްނިކަލް މަސައްކަތް ދަސްކޮށްދޭ މި ޕޮރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.އެމް.ޑަބްލިޔު.އެސް.ސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ގުޅޭ މައުލޫމާތު ދިނުމާއި، އެޕްލިކޭޝަން ފޯމް ފުރުމާއި، ބަލައިގަތުމަށް މާދަމާ ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހަޔަކަށް އާޓްފިޝަލް ބީޗްގައި ޚާއްސަ ސްޓޯލެއް ހުޅުވިފައި ހުންނާނެކަމަށްވެސް އެކުންފުނިން ބުނެއެވެ. ކުރިއަށް އޮތްތަނުގައިވެސް ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރުމަށާއި، މުޖުތަމައަށް ފައިދާހުރި ގާބިލް ބަޔަކަށް ހެދުމަށް އެމް.ޑަބްލިޔު.އެސް.ސީގެ އެހެން ޑިވިޝަންތަކަށް ޚާއްސަކޮސްގެން މިފަދަ  ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.