ވިޔަފާރި

މިދިޔަމަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަދަދު އިތުރުވެއްޖެ

މިދިޔަމަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އަދަދު އިތުރުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ފާއިތުވީ މަސްތަކުގައި ރާއްޖެއިން މުދާ ބޭރުކުރާ މިންވަރުވަނީ ދަށްވެފައެވެ. އެހެންނަމަވެސް މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގެ ބޯޑަރުތައް ހުޅުވާލާފައިވާއިރު، ރާއްޖެއިން މުދާ އެކްސްޕޯޓުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއިން 425 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މިއަދަދު އުޅެނީ 459 މިލިއަން ރުފިޔާގައެވެ. މިއީ 8 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކުރަނީ މަހުގެ ބާވަތްތަކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. ދެން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކޮށްފައިވަނީ އިންޑިއާއަށެވެ.

ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރު އިތުރުވި ނަމަވެސް ރާއްޖެއަށް މި މުއްދަތުގައި މުދާ އެތެރެކޮށްފައިވާ މިންވަރުވަނީ ދަށްވެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޑިސެމްބަރުމަހު މި ޢަދަދުވަނީ 2.6 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިއާއެކު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ ދަށްވެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި ޑިސެމްބަރުމަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހާ އަޅާބަލާއިރު 30 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު 359 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މި ޢަދަދުވަނީ 252 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވިމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، ޔޫ.އޭ.އީ އަދި އިންޑިއާއެވެ.