އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރުމަށްޓަކައި މެލްބަންއަށް ދަތުރުކުރި ކުޅުންތެރިންގެ ތެރެއިން ހާއްސަ ކަރަންޓީނަށް ދާންޖެހުނު ކުޅުންތެރިން މުބާރާތަށް ތައްޔާރުވާން އިތުރު މުބާރާތެއް ބާއްވަން ޑަބްލިޔުޓީއޭ އިން ނިންމައިފިއެވެ. ޑަބްލިޔުޓީއޭ. އިން މިގޮތަށް ނިންމީ މި ކުޅުންތެރިންނަށް ފަރިތަކުރުމަށް ބޭރަށް ނުނިކުމެވޭތޮތަށް ކަރަންޓީން ކޮށްފައިވާތީ މުބާރާތަށް ތައްޔާރުވާން ވާދަވެރި މެޗް ތަކެއް ދިނުމުގެ ގޮތުންނެވެ.
މިމުބާރާތުގެ ގުރުލުން އޮންނާނީ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މި މުބާރާތުގެ ސަބަބުން މިކުޅުންތެރިންނަށް އޮސްޓްރޭލިއަން އޯޕަން ފެށެން ވާއިރަށް ހަތަރު ވަރަކަށް ދުވަހުގެ ފަރިތަކުރުން ލިބިގެންދާނެކަމަށް އުންމީދު ކުރެވެއެވެ. މިގޮތުން މިބާރާތުގައި ބައިވެރިވުމަށް ފުރުސަތު ލިބޭ ކުޅުންތެރިންގެ ތެރޭގައި ވިކްޓޯރިއާ އަޒަރެންކާ، ބިއާންކާ އަންޑްރެސްކޫ، އެންޖެލީކް ކަރބަރ އަދި ހެދަރ ވޮޓްސަން ފަދަ ކުޅުންތެރިން ހިމެނެއެވެ. އޮސްޓްރޭލިއަން އޯޕަން އިންތިޒާމް ކުރާ ފަރާތުން ހާމަކުރިގޮތުގައި ހާއްސަ ކަރަންޓީންގައި ތިބި ކުޅުންތެރިންނަށް މިދުވަސްކޮޅަކީ ވަރަށް އުނދަގޫ ދުވަސް ކޮޅެއް ކަމަށާއި އެހެންކަމުން އެފަރާތުން ދަނީ ޑަބްލިޔު.ޓީ.އޭ. އާއި އޭޓީ.ޕީ. އާ ގުޅިގެން އެކުޅުންތެރިންނަށް އެހީވުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދެމުންނެވެ.
މިވަގުތު ހާއްސަ ކަރަންޓީންގައި 72 ކުޅުންތެރިން ތިބިކަމަށް މައުލޫމާތުލިބެއެވެ. އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް ޓެނިސް މުބާރާތުގައި ބައިވެރިވާން މެލްބަންއަށް ދަތުރުކުރި ކުޅުންތެރިންނާއި އޮފިޝަލުންގެ ތެރެއިން ހާއްސަ ކަރަންޓީނަށް ދާންޖެހުނީ ކޮރޯނާ ވައިރަސް ޖެހިފާވާ މީހުން ފެނުނު ބޯޓްތަކުން ދަތުރު ކުރި ކުޅުންތެރިންނާއި އޮފިޝަލުންނެވެ. އޮސްޓްރޭލިއަން އޯޕަންގައި ބައިވެރިވުމަށް ދިޔަ 970 ކުޅުންތެރިންނާއި ސްޓާފުން މިހާރުދަނީ ކަރަންޓީންްގެ ތަފާުތު މަރްހަލާތައް ފުރިހަމަ ކުރަމުންނެވެ. އަދި މީގެތެރެއިން ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެފައިވަނީ ނުވަފަރާތެއް ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.