އިޓާލިއަން ސެރީއާގައި ހެލަސް ވެރޯނާ އާއި ނަޕޯލީ ބައްދަލުކުރިމެޗް ވެރޯނާ ކާމިޔާބުކޮށްފިއެވެ. ވެރޯނާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު އެއް ލަނޑުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނަޕޯލީއެވެ. މިލަނޑު މެޗްގެ ފުރަތަމަ މިނެޓްގައި އެޓީމަށް ޖަހައިދިނީ ޗަކީ ލޮޒާނޯއެވެ. މެޗް ފެށިތާ ނުވަ ސިކުންތުގެ ތެރޭގައި ލޮޒާނޯ ޖެހި މި ލަނޑަކީ ނަޕޯލީގެ ތާރީހްގައި އެޓީމުން ކާމިޔާބުކުރި އެންމެ އަވަސް ލަނޑެވެ. އަދި ސެރީއާގައި ޖެހި ތިންވަނައަށް އެންމެ އަވަސް ލަނޑެވެ. މިލަނޑާއެކު މިމެޗުން ނަޕޯލީ ފަސޭހަ ކަމާއެކު މޮޅު ވެދާނެކަމަށް ހީކުރި ނަމަވެސް މެޗްގެ 34 ވަނަ މިނެޓްގައި ފެޑެރީކޯ ޑިމާކޯވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ އެންޓޮނިން ބަރަކްއެވެ. މިމެޗްގައި ވެރޯނާގެ ތިންވަނަ ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހާދިނީ މަޓިއާ ޒަކަގްނީއެވެ. މިދެޓީމް އެންމެ ފަހުން ވާދަކުރި ހަ މެޗްގައި ނަޕޯލީއަތުން ބަލިވެފައިވާތީ މިއީ ވެރޯނާއަށް ހޯދުނު ވަރަށް މުހިންމު ކާމިޔާބީއެކެވެ.
މިކާމިޔާބީއާއެކު ވެރޯނާ މިހާރުވަނީ 19 މެޗް ކުޅެ ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ. އަދި ނަޕޯލީ އުޅެނީ 18 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ.