އިނގިރޭސި އެފް.އޭ. ކަޕްގެ ހަތަރު ވަނަ ބުރުގައި މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް މެންޗެސްޓަރ ކާމިޔާބުކޮށް މިމުބާރާތުގެ ފަސްވަނަ ބުރުން އެޓީމް ޖާގަހޯދައިފިއެވެ. މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.
ފޯރިގަދަ ކުޅުމެއް ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗްގެ 18 ވަނަ މިނެޓްގައި މުހަންމަދު ސަލާ ޖަހާދިން ލަނޑުން ލިވަޕޫލްއެވެ. ނަމަވެސް މި ލަނޑު ޖެހިތާ 8 މިނެޓްފަހުން މެންޗެސްޓަރގެ މޭސަން ގްރީންވުޑްވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މިމެޗްގައި މެންޗެސްޓަރއަށް ފުރަތަމަ ފަހަރަށް ލީޑު ނަގާދިނީ މެޗްގެ 48 ވަނަ މިނެޓްގައި މާކަސް ރަޝްފަޑްއެވެ. މިމެޗްގައި ލިވަޕޫލްގެ ދެވަނަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ސަލާއެވެ. މިމެޗުން މެންޗެސްޓަރ މޮޅުވި ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ރޭގެ މެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކިން ބްރޫނޯ ފެނާންޑޭޒްއެވެ.
މި ކާމިޔާބީއާއެކު މެންޗެސްޓަރ މި މުބާރާތުގެ ފަސްވަނަ ބުރުގައި ބައްދަލުކުރާނީ އެޓީމްގެ ކުރީގެ ކޯޗު ޑޭވިޑް މޮޔޭސްގެ ކޯޗުކަމުގެ ދަށުން މިދުވަސްވަރު ރަގަޅު ކުޅުމެއް ދައްކަމުންދާ ވެސްޓް ހޭމް ޔުނައިޓެޑާއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔަރގަން ކްލޮޕްވަނީ އޭނާގެ ޓީމާމެދު ކަންބޮޑު ނުވުމަށް ގޮވާލާފައެވެ. ލިވަޕޫލުން އެންމެފަހުން އެޓީމް ކުޅުނު ހަތް މެޗްގެ ތެރެއިން ކާމިޔާބު ކުރެވިފައިވަނީ އެންމެ މެޗެކެވެ. އެއީ އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އެސްޓަންވިލާގެ ޒުވާން ޓީމާ އެކު ކުޅެ މޮޅުވި މެޗް އެކަންޏެވެ. ކްލޮޕް ހާމަކުރިގޮތުގައި މިމެޗުން ބަލިވި ނަމަވެސް އޭނާގެ ޓީމްގެ ފަރާތުން ރަގަޅު ގިނަ ކަންތައްތަކެއް ފެނިގެން ދިޔަ ކަމަށާއި އަދި އޭނާގެ ޓީމް ދަތުރު ކުރަމުންދަނީ ރަގަޅު މިސްރާބުންނެވެ.
މެންޗެސްޓަރގެ ކޯޗް އޮލޭގަނަރ ސޯލްޝަޔަރ ހާމަކުރިގޮތުގައި އޭނާގެ ޓީމުން ޤަބޫލްކުރާ ކަންތައްތަކެއް ހޯދިފައިވާ ކަމަށާއި އެހެން ކަމުން މެންޗެސްޓަރ އަންނަނީ ދުވަހަކަށްފަހު ދަވަހެއް ވަރުގަދަ ވަމުންކަމަށެވެ.