ޚަބަރު

ފުލުހުންގެ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި


ފުލުހުންގެ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފުލުހުންގެ ސްޕެޝަލް ކޮންސްޓެބުލަރީގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖަނަވަރީ 24 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ 16:00 އާ ހަމައަށެވެ. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތައް މަސައްކަތްކުރަން ޖެހޭނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައިކަމަށް ފުލުހުން ވިދާޅުވެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގައި ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:

- ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންޖެހޭ
- މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުން
- ފިރިހެނެއްނަމަ އިސްކޮޅު 5 ފޫޓު 3 އިންޗި އަށްވުރެ ކުރުނުވުން
- އަންހެނެއްނަމަ އިސްކޮޅު 5 ފޫޓަށްވުރެ ކުރުނުވުން
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުން
- ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކު ކަމުގައިވާ މީހެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހޭނެ
- ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން

ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

- ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
- ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ
- ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
- ނެގިފަހުން ތިން މަސް ދުވަސްވެފައިނުވާ، އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ ދެ ފޮޓޯ
- އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއް ނަމަ އެވަޒީފާ އަދާކުރި ތަންތަނުގައި ވަޒީފާ އަދާކުރިކަމުގެ ލިޔުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހަޅާނީ 2021 ފެބްރުވަރީ 7 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ އިތުރުން ސ.ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ ސ.ގަން ޕޮލިސް ސްޓޭޝަން ނުވަތަ ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ރިޝެޕްޝަނަށްކަމަށް ފުލުހުން ވިދާޅުވެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.