ޚަބަރު

"ރައްކާ" ރޯޑް ޝޯ އައްޑޫގައި ބާއްވަން ނިންމައިފި


މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކޮށް އާންމުން ހޭލުންތެރުކުރުވުމަށް ފުލުހުން ހިންގާ "ރައްކާ" ރޯޑް ޝޯވ އައްޑޫސީޓީގައި ބޭއްވުމަށް ސްޕޮންސަރޝިޕް އެގްރީމެއްޓެއްގައި އެލައިޑް އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑާއިއެކު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ސޮއިކޮށްފިއެވެ.އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ، ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އަދި އެލައިޑެގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނަރަލް މެނޭޖަރ މުހައްމަދު އަހްމަދެވެ.މިދިޔަ އަހަރު މާލޭގައި ފެށި "ރައްކާ" ރޯޑް ޝޯވ އަށްފަހު އައްޑޫސިޓީގައި ބާއްވާ މި ރޯޑްޝޯވ އާ ގުޅޭގޮތުން ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ ހެޑް ސުޕުރިންޓެންޑެންޓް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީހުންގެ ފުރާނައަށް ގެއްލުންވެފައިވާއިރު، އޭގެ ތެރެއިން 5 މީހުންނަކީ އައްޑޫގެ މަގުތަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކުގެ ސަބަބުން ދުނިޔެ ދޫކޮށްފައިވާ މީހުން ކަމަށާއި، މިފަދަ ރޯޑްޝޯވ އެއް އެސިޓީގައި ބެއްވުމުގެ މަގުސަދަކީ އެފަދަ މަގުމަތީގެ އެކްސިޑެންޓްތަށް މަދުކޮށް އާންމުން އެކަންކަމަށް ހޭލުންތެރިކުރުވުން ކަމަށެވެ.އެލައިޑް އިންޝުއަރެންސް ކުންފުނީގެ ފަރާތުން އެކުންފުނީގެ ކޮންސަލްޓަންޓް މާކެޓިންގ ނިއުޝާދު ޝަރީފް  ވިދާޅުވީ، މިދިޔަ އަހަރު މާލޭގައި ބޭއްވި ރައްކާ ރޯޑް ޝޯވއަށްވެސް އާންމުންގެ ތަރުހީބު ލިބިގެންދިޔަކަމަށާއި، މިފަދަ ހަރަކާތެއްގައި ބައިވެރިވުމުގެ މަގުސަދަކީ، އާންމު އިޖުތިމާއީ ޒިންމާގެ ދަށުން އައްޑުސިޓީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަށް މަދުކުރުމަށް އެހީތެރިކަމެއް ފޯރުކޮށް ދިނުނަކަމަށެވެ.އަންނަ މަހުގެ ފަނަރައިން ވިއްސަށް އައްޑޫސިޓީ ހިތަދޫ ކޮންވެންޝަން ސެންޓަރު ސަރަހައްދުގައި ބާއްވާ މި ރޯޑް ޝޯވގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އާންމުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމާއި، ޚާއްސަ ފޮޓޯ މަޢުރަޒެއްވެސް ކުރިއަށްގެންދިއުމަށް ވަނީ  ހަމަޖެހިފައެވެ.އަދި ކުރިއަށް އޮތްތަނުގައިވެސް މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަށް އެލައިޑާއި ގުޅިގެން މިފަދަ ރޯޑް ޝޯވތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން މައުލޫމާތުދެއެވެ.