ޚަބަރު

ފިނޮޅަށް ގެއްލުންދިން މައްސަލާގައި ގިލިލަންކަންފުށީގެ މެނޭޖަރު ފުރުން މަނާކޮށްފި


ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަށް ގެއްލުންދީ ފިނޮޅުގައި ކޯރެއް ކެނޑި މައްސަލާގައި ގިލިލަންކަންފުށި ރިސޯޓުގެ މެނޭޖަރު ފުރުން މަނާކޮށްފިއެވެ.

އޭނާ ފުރުން މަނާކޮށްފައިވަނީ އެކަމުގެ އަމުރަކަށް ރޭގެ ވަގުތެއްގައި ފުލުހުން އެދިފައިވުމުންނެވެ. ފުލުހުން ވިދާޅުވީ ފުރުން މަނާކުރުމުގެ އަމުރު ލިބުމާއެކު ކަމާބެހޭ ފަރާތްތަކާ އެމަޢުލޫމާތު ޙިއްސާކޮށްފައިވާ ކަމަށެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ފުލުހުން ވަނީ މިމައްސަލަ ތަހުޤީޤުކުރަން ފަށާފައެވެ. މިކަމުގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އީޕީއޭއިން ވަނީ ދެއްވާފައެވެ.

ހިންމަފުށީ ކައިރީގައި އޮތް މިފިނޮޅު ހަލާކުކުރި މައްސަލަ ޢާއްމުންނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާއިންނެވެ. މިކަމުގެ ރިޕޯޓް ރަސްމީކޮށް ފުލުހުންނާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިތުރުން އީޕީއޭއަށް ހުށަހެޅީ ހިންމަފުށީ ކައުންސިލުންނެވެ.