ޚަބަރު

ދިން ގެއްލުންތަކުގެ ސަބަބުން ފިނޮޅު ވަނީ ވަރަށް ބޮޑަށް ގިރައިގެންގޮސްފައި


މާލެއަތޮޅު ހިންމަފުށީ ކައިރީ އޮތް ފިނޮޅެއް އެސަރަޙައްދުގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުން ހަލާކޮށްލަން އުޅުނުކަމަށް ތުހުމަތުކުރާ މައްސަލަ ތަހުގީގުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭގެ ޓީމެއް އެރަށަށް ދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އީޕީއޭއިން ހާމަކުރައްވައިފިއެވެ.

އީޕީއޭގެ ޓީމް ހިންމަފުއްޓަށް ގޮސް ބަލަންހުރި ކަންކަން ބަލާނެ ކަމަށާއި، އަދި ތަހުގީގީ ރިޕޯޓްތަކަށް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި މެދު ވީ އެންމެ އަވަހަކަށް ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން މައުލޫމާތުދެއްވައެވެ.

ހިންމަފުށީ ކައިރީގައި އޮތް މިފިނޮޅު ހަލާކުރި މައްސަލަ ޢާއްމުންނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާއިން ނަމަވެސް މިކަމުގެ ރިޕޯޓް ރަސްމީކޮށް ފުލުހުންނާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އީޕީއޭއަށް ހުށަހެޅީ ހިންމަފުށީ ކައުންސިލުން ކަމަށް އެކައުންސިލުން މަޢުލޫމާތުދެއްވައެވެ.

ހިންމަފުށި ކައުންސިލުން މައުލޫމާތުދެއްވި ގޮތުގައި ފިނޮޅުގެ އެއްކޮޅުން އަނެއްކޮޅަށްވާގޮތަށް ކޯރު ކަނޑާފައިވުމުގެ ސަބަބުން މިހާރު ފިނޮޅުވަނީ ވަރަށް ބޮޑަށް ގިރައިގެންގޮސްފައެވެ.

ފުލުހުންނާއި އީޕީއޭއިން މި މައްސަލަ ތަހުގީގުކުރަމުން އަންނައިރު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އީޕީއޭގެ ފަރާތުން ކައުންސިލަށް ދީފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ. ގިލިލަންކަންފުށިން މިކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ބަޔާންނަގާފައިވާ ކަމަށް ކައުންސިލަށް މަޢުލޫމާތުލިބިފައިވާ ކަމަށްވެސް ކައުންސިލުން ހާމަކުރައްވައެވެ.

ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެންލުންވާ މިފަދަ ކަންކަމަކީ ސީރިއަސް މައްސަލަތަކަކަށްވާއިރު މިފަދަ ކަންކަން ކުރުމަކީ އަޅައި ނުލައި ދޫކޮށްލެވިގެންވާނެ ކަންކަމެއް ނޫނެވެ. މިކަންކަން ބަލައި ތިމާވެށި ޙިމާޔަތްކުރުމަކީ ރާއްޖޭގެ ކޮންމެ ވުޒާރާއެއްގެ އަދި ކޮންމެ މުއައްސަސާއެއްގެ ޒިންމާއެކެވެ. މިއީ ސީރިއަސް މައްސަލަތަކެކެވެ.

މިފަދަ ކަންކަން މުޅިން ހުއްޓޭނީ އެންމެންވެސް ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. ކޮންމެ މީހަކުވެސް އެމީހާގެ ތިމާވެއްޓާމެދު އެއީ ތިމާގެ ވެށިކަމުގައި ދެކިގެންނެވެ. ތިމާވެއްޓަށް ގެއްލުންވާ ކަންކަންކުރާ ކޮންމެ މީހެއްގެ ފަހަތުގައި ކަމާބެހޭ މުއައްސަސާއެއްގެ މުވައްޒަފަކަށް ނުހުރެވޭނެއެވެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ކަމާބެހޭ މުއައްސަސާތައް މިހާރަށްވުރެ ހަރުދަނާވެ ޒިންމާދާރުވާންޖެހޭކަމެވެ. ކޮންމެފަހަރަކު މައްސަލައެއް ބޮއްސުންލައި އެތައް ދުވަހެއްވެ، އެކަން ބަޔަކު ސޯޝަލް މީޑިއާގައި "ވައިރަލް" ކުރުމުން މައްސަލަ ބަލާ އުސޫލު ހުއްޓާލަން ޖެހެއެވެ. ތިމާވެށީގެ މައްސަލަތަކުގައި މިއަށްވުރެބޮޑަށް ފާރަވެރިވެވޭނެ ޒިންމާދާރުކުރުވޭނެ ނިޒާމެއް ޤާއިމުކުރަން ޖެހެއެވެ.