ޚަބަރު

ހުރަވަޅި ރިސޯޓުގައި މުރަކަ އިންދުމުގެ ޕްރޮޖެކްޓެއް ފަށައިފި


ކަނޑުގެ ދިރުންތައް ދިރުވާ އަލާކުރުމަށް ހުރަވަޅި އައިލެންޑް ރިސޯޓުން ކުރަމުންދާ މަސައްކަތުގެ ދަށުން މުރަކައިންދުމުގެ ޕްރޮޖެކްޓެއް އެރިސޯޓުގައި ފަށައިފިއެވެ.

މުރަކަ އާލާކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެރިސޯޓުގެ ނާސަރީގައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޕީވީސީ ހޮޅިން ގަހެއްގެ ބަށްޓަމަށް ފްރޭމެއް ހަދައި، އޭގައި ކުދި މުރަކައިގެ 100 އެތިކޮޅު ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް އެރިސޯޓުން ހާމަކުރެއެވެ. މި ގަހުގައި ހަރުކުރުމަށް ހަމަޖެހިފައިވަނީ ހުރަވަޅި ރިސޯޓުގެ މެރިން ބަޔޮލޮޖިސްޓުން ފަރުގެ އެކި ސަރަޙައްދުތަކުން ނަގާފައިވާ ބިންދައިގެންގޮސްފައިވާ މުރަކައިގެ އެތިކޮޅުތަކެވެ. އެގޮތުން މި މުރަކަކޮޅުތަކުގެ ޢާއްމު ސައިޒަކީ 3.5 ސެންޓިމީޓަރުކަމަށް އެރިސޯޓުން ބުންޏެވެ.

މުރަކައިންދުމުގެ ޕްރޮޖެކްޓުގެ ދަށުން ހުރަވަޅި ރިސޯޓުގެ ނާސަރީގައި މުރަކަތައް އާލާކުރުމަށްފަހު ފަރަށް މުރަކަތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

މުރަކައިންދުމުގެ މި ޕްރޮޖެކްޓުގައި އާލާކުރުމަށް ހަމަޖެހިފައިވަނީ 2015 އަދި 2016 ވަނަ އަހަރުގެ ތެރޭގައި ކުރިމަތިވި ކޮރަލް ބްލީޗިންގްގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ވައްތަރުގެ މުރަކަތަކެވެ. ހުރަވަޅި ރިސޯޓުގައި ކުރިޔަށް ގެންދާ މި ޕްރޮޖެކްޓުގައި އެރިސޯޓުގެ މެރިން ބަޔޮލޮޖިސްޓުންވެސް ދަނީ ޢަމަލީ ގޮތުން ބައިވެރިވަމުންނެވެ.

މީގެ ކުރިންވެސް ހުރަވަޅި ރިސޯޓުންވަނީ މުރަކައިންދުމުގެ ޕްރޮކެޓްތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން 2019 ވަނަ އަހަރު ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެއްގައި އިންދާފައިވާ މުރަކަތައް ވަނީ 18 މަސް ތެރޭގައި 6.9 އިންޗި ބޮޑުވެފައެވެ. ހުރަވަޅި ރިސޯޓުން ކުރިޔަށްގެންދާ މިފަދަ ޕްރޮޖެކްޓްތަކަކީ އެރިސޯޓުގެ ފަރުގެ ސަރަޙައްދު ރައްކާތެރިކުރުމުގެ މަޤްޞަދުގައި ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ.