ޚަބަރު

ގުޅުންބަދަހި ކުރުމަށް ޚާރިޖީ ވަޒީރުންނާއި، ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި


3 ޤައުމެއްގެ ޚާރިޖީ ވަޒީރުންނާއި، 5 ޤައުމަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު ވަރޗުއަލްކޮށް ބައްދަލުކުރެއްވީ ގަޔާނާގެ ފޮރިން މިނިސްޓަރ ހިއުޓޮޓް، ލާއޯސްގެ ފޮރިން މިނިސްޓަރ ސެލުމްޝޭ ކޮމަސިތު، ބެލީޒްގެ ފޮރިން މިނިސްޓަރ އީމޮން ކޯޓްނޭ އާއެވެ. މި ބައްދަލުވުންތަކުގައި އެޤައުމުތަކާއެކު ރާއްޖެއިން ދަމަހައްޓަމުން އަންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މަސްރަހުގައި އިތުރަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ބައެއް ޤައުމުތަކުގެ ސަފީރުންނާއެކުވެސް ވަރޗުއަލްކޮށް ބައްދަލުކުރައްވާފައެވެ. އެގޮތުން ތައިލެންޑުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޗުލަމަނީ ޗަރަތްސުވަން ވަނީ އެކަމަނާގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުމުގެ ގޮތުން މިނިސްޓަރ ޝާހިދުއާއެކު ވަދާއީ ބައްދަލުވުމެއް ވަރޗުއަލްކޮށް ބާއްވަވާފައެވެ.

އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޓްޒް އާއެކު ކުރެއްވި މަޝްވަރާތަކުގައި، މިއަހަރުވެސް ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އަދި ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫރީ މަޓޭރީއާއެކު ބޭއްވެވި މަޝްވަރާތަކުގައިވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ދިވެހި ކަނޑުމަހަށް ރަޝިޔާގެ ބާޒާރުން އިތުރު ފުރުސަތު ހޯދުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން އިންޑިއާ އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއެކު ފޮރިން މިނިސްޓްރީގައި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވައި، އެޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ބައެއް ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި ސަފީރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ޖޯޖިއާގެ ފޮރިން މިނިސްޓަރުކަމުގެ އިތުރު ދައުރަކަށާއި، ބޮޑު ވަޒީރުގެ ނައިބުގެ މަޤާމާ ޑޭވިޑް ޒަލްކަލިއާނީ ހަވާލުވެވަޑައިގަތުމާ ގުޅިގެން މިނިސްޓަރ ޝާހިދު ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުވާފައެވެ. އަދި ޒިމްބާބްވޭގެ ޚާރިޖީ ވަޒީރު ޑރ. ސިބުސީސޯ މޯޔޯ އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ މެސެޖެއްވެސްވަނީ ފޮނުއްވާފައެވެ.