ވިޔަފާރި

ދަތުރުފަތުރުގެ ޚިދުމަތަށް ސަރުކާރުން ސަބްސިޑީ ދޭ އުސޫލަށް ބަދަލުތަކެއްވަނީ ގެނެސްފައި- އެމްޓީސީސީ


ރައްޔިތުންނަށް ދެމުން އަންނަ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތުން ކުންފުންޏަށް ލިބެމުންދާ ގެއްލުން ފޫބެއްދުމަށް ސަަބްސިޑީ ދިނުމުގައި ސަރުކާރުން ގެންގުޅޭ އުސޫލަށް ބަދަލު ގެނެސްފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިހާރު އެކުންފުންޏަށް ސަރުކާރުން ސަބްސިޑީ ދެމުންދާނީ ޑައިރެކްޓް ސަބްސިޑީއެއްގެ ގޮތުގައި ކަމަށެވެ. މިއާއެކު ކުންފުނީގެ ހިންގުންވެސް ހަރުދަނާ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" ކުރީގަ އާއްމުކޮށް ސަބްސިޑީ ދެމުން އައި ކްރޮސް ސަބްސިޑައިޒް ކުރާ ގޮތަށް، މިހާރު މިވަނީ ހަރުދަނާ ނިޒާމަކަށް ބަދަލުކުރެވިފައި، ޑައިރެކްޓް ސަބްސިޑީއެއް މިހާރު މިދެނީ،ކުރީގަ ރަށެއް ދީފަ މި ނެޓްވޯކް ހިންގަން މި ބުނަނީ މިހާރު މިއޮތް ނިޒާމަކީ ޑައިރެކްޓްކޮށް އެވާ ގެއްލުން ސަރުކާރުގެ ބަޖެޓުން ޙިދުމަތްދޭ ފަރާތަށް ދޭގޮތަށް" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީގެ ޒިންމާއަކީ ހަރުދަނާކަމާއެކު ޙިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ޙިދުމަތް ދިނުމުގައި ވާ ގެއްލުމުން ފޫބެއްދުމަށް ސަރުކާރުން ސަބްސިޑީ ދޭނެކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

" ސަރުކާރުން މިދޭ ޔަޤީންކަމަކީ ކުންފުންޏަށް ގެއްލުންވާނެ ގޮތަކަށް އެއްވެސް މަސައްކަތެއް ކުންފުންޏާއި ހަވާލު ނުކުރާނެ ކަމުގެ، 2019ވަނަ އަހަރުގެ ސަބްސިޑީވެސްވަނީ ޔަޤީންކޮށްދެއްވާފައި، އަދި 2020ވަނަ އަހަރުގެ ސަބްސިޑީވެސް ދެއްވާނެ ކަމަށް އަޅުގަނޑުމެންނަށް ސިޓީއެއް ލިބިފަ އެބައޮތް،" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ މައިގަނޑު މަސައްކަތަކީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެވެ. އެގޮތުން ރަށްރަށުގެ މަގުހެދުމާއި، ބިންހިއްކުމާއި، ބަނދަރުހެދުމާއި އެއަރޕޯޓުހެދުމުގެ މަސައްކަތްތަކަކީ އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތަކެވެ.

މީގެ އިތުރުން ސަރުކާރުގެ އެދުމުގެ މަތީން އެކުންފުނިން ދަނީ ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތްވެސް ދެމުންނެވެ. ނަމަވެސް މި ދާއިރާއިން ކުންފުންޏަށް މާލީ ގޮތުން ލިބެނީ ގެއްލުމެވެ.