އިނގިރޭސިވިލާތުގައި ފެތުރޭ ކޯވިޑް-19ގެ އައު ވައްތަރާއި ބަލީގައި މީހުން މަރުވާ މިންވަރު އިތުރުވުމާއި ގުޅުމެއް އޮވެދާނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.
ވައިރަހުގެ އައު ވައްތަރާއިގުޅޭ ގޮތުން ވާހަކަދައްކަވަމުން ޖޮންސަން ވިދާޅުވީ ކުރިން ފެތުރެމުންދިޔަ ވައިރަހަށްވުރެ ވާރުތަވުމުގެ ބާރުގަދަ އައު ވައްތަރުގެ ސަބަބުން އިނގިރޭސިވިލާތުގެ ޞިއްޙީ ނިޒާމަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކުރިން ފެތުރެމުންދިޔަ ވައިރަހަށްވުރެ ވާރުތަވުމުގެ ބާރު އިތުރުވުމުގެ އިތުރުން، ވައިރަހުގެ އައު ވައްތަރުގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު އިތުރުވާކަމުގެ ހެކިތައް ފެންނަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ބައްޔާއި ދެކޮޅަށް ބޭނުންކުރާ ދެ ވެކްސިނަށްވެސް ވައިރަހުގެ ދެ ބާވަތް ގުޑާނެކަމުގެ ޔަޤީންކަން އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
ޖޮންސަން އެހެން ވިދާޅުވި ނަމަވެސް އިނގިރޭސިވިލާތުގެ ޗީފް ސައިންޓިފިކް އެޑްވައިޒަރ ޕެޓްރިކް ވެލެންސް ވިދާޅުވީ ވައިރަހުގެ އައު ވައްތަރުގެ ސަބަބުން ބަލީގައި މަރުވާ މީހުންގެ ޢަދަދު އިތުރުވާކަމަށް ފެނިފައިވާ ހެކިތަކަކީ އެހާ ބާރުގަދަ ހެކިތަކެއް ނޫންކަމަށާއި، ވައިރަހުގެ އައު ވައްތަރުގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު އިތުރުވާކަމަށް ބެލެވޭ ހެކިތައް ފެނިފައިވަނީ އެކި ދިމަދިމާލުގައި އެއްކޮށްފައިވާ މަޢުލޫމާތުންކަމަށެވެ. އެހެންކަމުން އެ މަޢުލޫމާތުތަކަކީ އަދި ޔަޤީންވެފައިވާ މަޢުލޫމާތުތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ވެލެންސް ވިދާޅުވީ ވައިރަހުގެ އައު ވައްތަރުގެ ސަބަބުން ބަލިޖެހޭ މީހުންނަށް އޮންނަ ނުރައްކާ އެހެން މީހުންނަށްވުރެ ބޮޑު ނަމަވެސް ބަލިޖެހިފައިވާ މީހުންނަށް ހަސްފަތާލުން ފަރުވާ ހޯދިއްޖެނަމަ އެމީހުންނަށް އޮތް ނުރައްކާ އިތުރުވާކަމަށް ނުބެލެވޭކަމަށެވެ.
ވެލެންސް ވިދާޅުވި ގޮތުގައި ކޯވިޑް-19 ޖެހިފައިވާ އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ބަލީގައި މަރުވުމުގެ ފުރުޞަތު އޮތީ ކޮންމެ 1000 މީހެއްގެ ތެރެއިން 10 މީހުންކަމަށެވެ. ނަމަވެސް އެ ޢަދަދު 13 ނުވަތަ 14 މީހުންނަށް ވައިރަހުގެ އައު ވައްތަރުގެ ސަބަބުން އިތުރުވާކަމަށް އޭނާ ވިދާޅުވިއެވެ. ވައިރަހުގެ އައު ވައްތަރާއިގުޅޭ ކަންކަން މިހާތަނަށް ޔަޤީންވެގައި ނުވާ ނަމަވެސް އޭގެ ސަބަބުން ވާރުތަވުމުގެ ބާރު ގަދަވުމާއި މަރުވާ މީހުންގެ ޢަދަދު އިތުރުވުމުގެ ފުރުޞަތު އޮތުމަކީ ކަންބޮޑުވާންޖެހޭކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް 3.5 މިލިއަން މީހުންނަށް ބަލިޖެހި 95،981 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 40،261 މީހުންނަށް ބަލިޖެހި 1،401 މީހުންވަނީ މަރުވެފައެވެ.