ވިޔަފާރި

އެޕިކް ޝެލްޓަރގެ ނަމުގައި ލަކްސްއިން ތަފާތު ރިއަލިޓީ ޝޯވއެއް


އެޕިކް ޝެލްޓަރގެ ނަމުގައި ލަކްސް އިންވެސްޓްމަންޓުން ތަފާތު ރިއަލިޓީ ޝޯވއެއް ފަށަން ތައްޔާރުވެއްޖެއެވެ.

ލަކްސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ފަށަން ތައްޔާރުވާ "އެޕިކް ޝެލްޓަރ" ރިއަލިޓީ ޝޯވގެ މަޤްޞަދަކީ ގެއާއި އެޕާޓްމަންޓްފަދަ ތަންތަން މަރާމާތުކޮށް، ރީތިކޮށްލުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެކަންކަން ކޮށްދިނުމުގެ މަގުފަހިކޮށްދިނުމެވެ.

ލަކްސްއިން ފަށާ "އެޕިކް ޝެލްޓަރ" ރިއަލިޓީ ޝޯވގެ ތެރެއިން ހޮވޭ ފަރާތްތަކަކަށް އެފަރާތަކުން އުޅޭ ގެ ނުވަތަ އެޕާޓްމަންޓުގެ އިންޓީރިއާ ޑިޒައިނިންގެ އިތުރުން، މުޅި ގެ ނުވަތަ އެޕާޓްމަންޓް ހިލޭ މަރާމާތުކޮށްދޭނެއެވެ. އެގޮތުން ގެއަށް ބޭނުންވާ ފަރުނީޗަރާއި، ބަދިގެ ސެޓާއި، ފާހަނާ އަލުން ޑިޒައިންކޮށްދޭއިރު، ކުލަ ލުމާއިއި، ތަޅުން ބަދަލުކޮށްލަދިނުންވެސް މިޝޯވގެ ތެރެއިން ކުރިއަށްދާނެއެވެ.

މިޝޯވގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތަކުގެ ތެރޭގައި ގެދޮރު އިމާރާތްކުރުމާއި ޑިޒައިންކުރުމުގައި ފާހަގަކޮށްލެވޭ ކުންފުނިތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި އެސެންޝިއާ، މުނިހޯމްކެއަރ، ރެޑްކްރިއޭޓިކް، ޑޯރިކް ހިމެނެއެވެ. މީޑިއާ ޕާޓްނަރަނަކަށް ހަމަޖައްސާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހިމެނެއެވެ.

"މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެޕާޓްމަންޓް ޑިޒައިންކޮށް މަރާމާތުކުރުމަކީ ދަތިކަމެއް. ކުލި ދައްކާ، އެހެނިހެން ޚަރަދުތައް ކުރުމަށްފަހު މިފަދަ ކަންކަން ކުރަން އޮންނަނީ ދަތިވެފައި. ހުރިހާ ބޭފުޅުންވެސް ބޭނުންވާ ދިރިއުޅޭ އެޕާޓްމަންޓަކީ ބޭނުންވާ ހުރިހާ ކަމަކާއެކު ހުންނަ އެޕާޓްމަންޓަށް ހެދުމަށް. އެޕިކް ޝެލްޓަރ ރިއަލިޓީ ޝޯވ ތަޢާރަފްކުރުމުގެ ބޭނުމަކީ، ހޮވޭ ފަރާތްތަކެއްގެ އެޕާޓްމަންޓް ހިލޭ ރިނޮވޭޓްކޮށްދިނުމަށް" ލަކްސްގެ ޖެނެރަލް މެނޭޖަރ، ހަނާން ސައީދު ވިދާޅުވިއެވެ.

ރިއަލިޓީ ޝޯވގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް 4 ކެޓަގަރީއަކަށް ބަހާލާފައިވާއިރު، އެ ކެޓަގަރީތަކަކީ:

- އުމުރުން ދުވަސްވީ ދެމަފިރިން (55-70 އަހަރުގެ މީހުން)
- އެކަނިވެރި މަންމަ ނުވަތަ އެކަނިވެރި ބައްޕަ
- ކައިވެނިކޮށްގެން އެންމެ ދަރިއަކު ހުރި ދެމަފިރިން
- އަލަތު ކައިވެނިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އެންމެ ދަރިއަކު ހުރި ފަރާތްތައް

އެޕިކް ރިއަލިޓީ ޝޯވގެ ތެރެއިން މަރާމާތުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ނުވަތަ މާލެ ސަރަޙައްދުގެ އެއް ރޫމް އެޕާޓްމަންޓްތަކެވެ. އަދި ޝޯވގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 12 ޖެހުމާއި ހަމައަށް ހުޅުވާލާފައެވެ.

މިޝޯވ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމްގެ، ޓީވީއެމް ޗެނަލްއިންނެވެ.

ލަކްސްއިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަކީ 2019 ވަނަ އަހަރު އުފެދިގެން އައި ކުންފުންޏެކެވެ. މި ކުންފުނީގެ ބޭނުމަކީ ދިވެހި ރައްޔިތުންނަށް ލަގްޒަރީ ހިދުމަތްތަކެއް ލުއި ފަސޭހަ ގޮތަކަށް، އަގުހެޔޮކޮށް ފޯރުކޮށްދިނުމުގެ ބޭނުމުގައި އުފެއްދި ކުންފުންޏެވެ.

އެކުންފުނިން މީގެ ކުރިން ތައާރަފްކުރި ޕްރޮޑަކްޓްތަކުގެ ތެރޭގައި، "ޓްރެވަލް ނައު، ޕޭ ލޭޓަރ: ހިމެނެއެވެ. މިއީ އިންސްޓޯލްމަންޓަށް ބަހާލައިގެން ފަސޭހަކަމާއެކު ދަތުރުފަތުރުކޮށްލުމަށް ހުޅުވާލެވުނު ދޮރެކެވެ. މީގެއިތުރުން ކައިވެނީގެ ހުރިހާ ޚިދުމަތެއް އެއް ޕްލެޓްފޯމަކުން ފޯރުކޮށްދޭ "ޒަވާޖް"އަކީވެސް ލަކްސްގެ ޕްރޮޑަކްޓެކެވެ. އަދި އަލަށް ފެށުމަށް ތައްޔާރުވާ "އެޕިކް ޝެލްޓަރ" ރިއަލިޓީ ޝޯވއަކީ ލަކްސްގެ އެޕިކް ޝެލްޓަރ ޕްރޮޑަކްޓްގެ ދަށުން ފަށާ ޝޯވއެކެވެ.