ކުޅިވަރު

މޮންޕެލިއޭގެ މައްޗަށް ޕީއެސްޖީން ފަސޭޙަ މޮޅެއް


ފަރަންސޭސި ލީގު ވަންގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިން، ޕީއެސްޖީ އާއި މޮންޕެލިއޭ ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ޕީ.އެސް.ޖީން ކާމިޔާބުކޮށްފިއެވެ.

ޕީ.އެސް.ޖީ.ގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 4 ލަނޑު ސުން ލަނޑުންނެވެ.

ޕީ.އެސް.ޖީ.ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމުން ލަނޑެއް ޖެހުމުގެ ކުރިން ފެނިގެންދިޔައީ މޮންޕެލިއޭގެ ކީޕަރު ޔޯނަސް އޮމްލިންއަށް ރަތްކާޑު ދެއްކިތަނެވެ. މިއީ ޕެނަލްޓީ އޭރިއާ ބޭރުން ޕީއެސްޖީގެ ކައިލިއަން އެމްބާޕޭއަށް ފައުލް ކުރުމުގެ ސަބަބުން އޭނާއަށް ދެއްކި ރަތްކާޑެކެވެ.

10 މީހުންނާއެކު ކުޅެމުންދިޔަ މޮންޕެލިއޭ ކޮޅަށް ޕީ.އެސް.ޖީން ޖެހި ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ކާމިޔާބުކުރީ އެމްބާޕޭއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ނޭމާ ކާމިޔާބުކުރިއިރު، އޭގެ އެއް މިނެޓްފަހުން ޕީ.އެސް.ޖީ.ގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މައުރޯ އިކާޑީއެވެ. މިމެޗްގައި ޕީ.އެސް.ޖީ. އިން ޖެހި ހަތަރުވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އެމްބާޕޭއެވެ.

މިމޮޅާއެކު ޕީ.އެސް.ޖީއަށް ލީގު ތާވަލުގެ އެއްވަނަގައި އޮތީ ތިން ޕޮއިންޓްގެ ލީޑަކާއެކުއެވެ. އެއީ ކުޅުނު 21 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އުޅޭ ލީލްއަށް ލިބިފައިވަނީ 20 މެޗުން 42 ޕޮއިންޓެއެވެ. ނަމަވެސް ލީގުގައި މާދަމާ ރޭ ރެންއާ ބައްދަލުކުރާމެޗުން ލީލް މޮޅުވެއްޖެނަމަ އެޓީމަށް ޕީ.އެސް.ޖީ.އާ ޕޮއިންޓްގެ ގޮތުން އަރާ ހަމަހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.